الدخان

Ad-Dukhaan

The Smoke · Surah 44 · Ayahs: 59 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. حم މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. • ދަންނައެވެ. قرآن ގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަ މިބާވަތުގެ ވަކި އަކުރުތަކާމެދު مفسّر ންގެ މެދުގައި ތަފާތު ވާހަކަ ދެކެވިފައި ވެއެވެ. އެވާހަކަތަކުގެ خلاصة އިން مهمّ ދެ ފައިދާއެއް ކުރެވެއެވެ. - އެއްކަމަކީ رسول الله ﷺ އަށް قرآن ބާވައިލެއްވުނު ވަގުތުގައި ތިބި ކާފަރުންނާއި، مشرك ންވެސް قرآن އަޑުއެހުމުން މަނާވެގަނެއެވެ. އެއީ އެއިން އަސަރެއްކޮށް، إيمان ވެވިދާނޭތީއެވެ. އެހެންވެ އެމީހުންގެ ތެރޭގައި مشهور ވެގެން ނުވާ صيغة ތަކަކުން - عبارة ތަކަކުން - އައީމާ ދެން އެ كلمة ތައް ބާރު އަޑުން އަޑުދަމާލާފައި ކީމާ އަހައިފި މީހާ އެޔާ ދިމާއަށް ކަންފަތް ދިއްކޮށްލުމުގެ شوق ވެރިކަން ބޮޑަށް އުފެދި ކޮންމެ ގޮތަކުންވެސް އަހައިލާ ހިތްވުމަކީ ގާތްކަމެކެވެ. އަދި އަހައިލައިފިއްޔާ ހިތަށް އަސަރުކޮށް، ތެދުމަގަށް واصل ވުން ގާތެވެ. މިއީ އެއް ފައިދާއެވެ. - ދެވަނަ ފައިދާއަކީ، އެވަގުތު عربي ންގެ مشرك ންގެ دعوى އަކީ، قرآن އަކީ إلهى وحي އެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ ޅެމެކެވެ. ނުވަތަ سحر އެކެވެ. ނުވަތަ كهين އެއްގެ ބަހެކެވެ. ނުވަތަ އިސްވެދިޔަ މީހުންގެ ބޭކާރު ވާހަކަތަކެކެވެ. އެހެންވެ ﷲ تعالى އެމީހުންނަށް ގޮންޖެއްސެވީއެވެ. އެފަދަ އެންމެ އާޔަތެއް ނުވަތަ ދިހަ ސޫރަތް، ނުވަތަ އެފަދަ قرآن އެއް އެމީހުންވެސް އެކުލެވުމަށް ގޮންޖެއްސެވީއެވެ. وحي ކުރައްވާ ކަހަލައެވެ. ކަލޭމެން ތިޔަ ބުނަނީ ތެދެއް ވިއްޔާ އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. އެ ފޮތް އެވަނީ ހަމަ ކަލޭމެން ދަންނަ އަކުރުތައް ކަމުގައިވާ الم ފަދަ، حم ފަދަ، طس ފަދަ، ق ފަދަ މިފަދަ އަކުރުންނެވެ. ކަލޭމެންނަކީ ހަމަ ބަހަށް މޮޅު މާހިރުންނެވެ. މިއެވެ. މި އަކުރުތަކުގެ އެއް مَقْصَد އެއީކަމުގައި ވުންވެސް އެކަށީގެން ވެއެވެ. والله أعلم = تفسير أيسرالتّفاسير =

  2. وَٱلۡكِتَٰبِ ٱلۡمُبِينِ

    Open ayah 44:2

    حكم ތައް ބަޔާންކޮށްދެއްވާ ފޮތް ގަންދެއްވައި ހުވައި وحي ކުރައްވަމެވެ.

  3. إِنَّآ أَنزَلۡنَٰهُ فِي لَيۡلَةٖ مُّبَٰرَكَةٍۚ إِنَّا كُنَّا مُنذِرِينَ

    Open ayah 44:3

    ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ފޮތް، يعني ކީރިތި قرآن ބާވައިލެއްވީ بركاة ތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ إنذار ކުރައްވާ ކަލަކީމެވެ. (އެހެންވެ ފޮތް ބާވައިލައްވައި، رسول ބޭކަލުން ފޮނުއްވައި، އަދި މިނޫންވެސް ގޮތްގޮތަށް إنذار ކުރައްވަމެވެ. އެއީ ނުކިޔަމަންތެރީންނަށް ދުނިޔެއާއި، آخرة ގައިވެސް ނުރައްކަލާއި، عذاب ހުރިކަމުގެ ވާހަކައިންނެވެ.

  4. فِيهَا يُفۡرَقُ كُلُّ أَمۡرٍ حَكِيمٍ

    Open ayah 44:4

    އަދި އެރޭ ކަނޑައެޅޭ ކޮންމެ حكم އެއް ތިމަން ރަސްކަލާނގެ تفصيل ކުރައްވައި، بيان ކުރައްވަމެވެ. ދަންނައެވެ. އެރެއަކީ ليلة القدر ވިލޭރެއެވެ. މިންވަރު ކުރައްވާ ރެއެވެ. އެރޭ އެކަލާނގެ އަންނަ އަހަރުގެ މަރުވާ މީހުންނާއި، ދިރުއްވާ މީހުން ހިމަނުއްވައި ރިޒުގުގެ ނިޔާތަކާއި، ހެވާއި، ނުބަޔާއި، ދެންވެސް އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް އެރޭ تفصيل ކުރައްވައި بيان ކުރައްވައެވެ. އެރެއަކީ رمضان މަހުގެ ރެއެއް ކަމަށް قرآن ގެ نصّ ން ސާބިތުވެއެވެ. شعبان މަހުގެ ވިލޭރޭ ކަމަށް ބުނާ ރިވާޔަތެއްވެސް ވެއެވެ. އެހެން ނަމަވެސް އެއީ ضعيف ރިވާޔަތެކެވެ. = تفسير إبن كثير =

  5. أَمۡرٗا مِّنۡ عِندِنَآۚ إِنَّا كُنَّا مُرۡسِلِينَ

    Open ayah 44:5

    އެކަމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ أمر އެކެވެ. އެބަހީ قرآن ބާވައިލެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ ކަމެކެވެ. އަދި އެރޭ، ކަންތައްތައް بيان ކުރައްވައި، تفصيل ކުރެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ހިންގަވާ ކަމެކެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވަމެވެ.

  6. رَحۡمَةٗ مِّن رَّبِّكَۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ

    Open ayah 44:6

    އޭ رسول الله އެވެ. އެކަމަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ رحمة އެކެވެ. (އެބަހީ ءادم ގެ ދަރީންގެ ގާތަށް رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވައި، އަދި ފޮތްތައް ބާވައިލައްވަނީ އެއީ ތިމަން ރަސްކަލާނގެ رحمة އެވެ.) ހަމަކަށަވަރުން އެކަލާނގެއީ އަޅުތަކުންގެ އެންމެހައި އަޑުތަކެއް އައްސަވާވޮޑިގެން، އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.

  7. رَبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ

    Open ayah 44:7

    އެކަލާނގެއީ އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރި ކަލާނގެއެވެ. ربّ އެވެ. އެކަން ތިޔަބައިމީހުން يقين ކުރާނަމަ، ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނެއެވެ. އެހެންވެ އެކަލާނގެއަށް އަޅުކަން ކުރާށެވެ.

  8. لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ

    Open ayah 44:8

    އެކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ އެއްވެސް إله އެއް ނުވެއެވެ. އެކަލާނގެއީ ތަކެތި ދިރުއްވާ، މަރުއްވާ ކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.

  9. بَلۡ هُمۡ فِي شَكّٖ يَلۡعَبُونَ

    Open ayah 44:9

    އަދި ކިޔެއްހެއްޔެވެ؟ އެމީހުން އެވަނި ޝައްކެއްގައެވެ. (ﷲ ގެ އެއްކައުވަންތަ ކަމާއި، محشر އަށް ފޮނުއްވުމާއި، މިފަދަ ކަންކަމާމެދު އެމީހުން އެވަނީ شكّ އެއްގައެވެ. يقين އެއް ނުވެއެވެ.) އެމީހުން ކުޅެނީއެވެ. އެބަހީ ﷲ އީ އެމީހުން ހެއްދެވި ކަލާނގެ ކަމުގައިވެސް އެމީހުން إقرار ވެއެވެ. އުޑުތަކާއި، ބިން ހެއްދެވީ ކާކުތޯ އަހައިފިއްޔާވެސް އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. މިފަދަ إقرار ތަކުގައި އެމީހުން يقين އެއް ނޫނެވެ. يقين ނަމަ އެކަލާނގެއަށް އަޅުކަން ކުރުމަކަށް އިންކާރު ނުކުރީހެވެ. އެމީހުން ހަމަ ކުޅެނީއެވެ.

  10. فَٱرۡتَقِبۡ يَوۡمَ تَأۡتِي ٱلسَّمَآءُ بِدُخَانٖ مُّبِينٖ 

    Open ayah 44:10

    އޭ رسول الله އެވެ. އުޑު ދުންގަނޑެއްގެ ސިފައިގައި ފެންނަ ދުވަހަށް ކަލޭގެފާނު إنتظار ކުރައްވާށެވެ.

  11. يَغۡشَى ٱلنَّاسَۖ هَٰذَا عَذَابٌ أَلِيمٞ

    Open ayah 44:11

    އެދުވަހުން އޭގައި މީސްތަކުން ނިވައިވެގެން ވެއެވެ. އަދި މީސްތަކުން ބުނާނެއެވެ. ނުވަތަ ﷲ އަންގަވާނެއެވެ. މިއީ ވޭންދެނިވި عذاب އެކެވެ. • ދަންނައެވެ. މި އާޔަތްތަކުގައި މި بيان ވެގެންވާ ދުމާ ދޭތެރޭ ދަންނަ ބޭކަލުންގެ مشهور ދެބަހެއް ވެއެވެ. ފުރަތަމަ ބަހަކީ އެ ދުމަކީ އެއީ قيامة ވުމުގެ ތަންކޮޅެއް ކުރީން ދުނިޔެއަށް ފެތުރޭ ދުމެކެވެ. قيامة ގެ علامة އެކެވެ. ސާޅީސް ދުވަސް ވާނދެން އެ ދުންގަނޑު ބިންމަތީގައި ފެތުރިފައި ވާނޭކަމަށް ވެއެވެ. ދެވަނަ ބަހަކީ މި އާޔަތުގައި މި بيان ކުރައްވާ ދުން مكّة ގެ قريش ންނަށް ދިމާވި ކަމަށެވެ. އެޒަމާނުގައި އެބަހީ رسول الله ﷺ دين އަށް ގޮވައިލައްވައި، އެމީހުން إيمان ނުވުމުން އެކަލޭގެފާނު އެމީހުންގެ މައްޗަށް ބަދު دعاء އެއް ކުރެއްވިއެވެ. އޭގެ ފަހުން އެމީހުންނަށް ތަދުމަޑުކަމެއް ދިމާވީއެވެ. ބަނޑުހައިވެގެންގޮސް ޖަނަވާރުގެ ކަށިވެސް ކާ ހިސާބަށް ދިޔައެވެ. އަދި ބައެއް مفسّر ން ލިޔުއްވާފައި ވަނީ ބައެއް މީހުން ކެހެރި ނުވަތަ ކަފަ ކައި، ލެއިބޮއި ހެދި ކަމުގައެވެ. އުޑާދިމާ މައްޗަށް ބަލައިލީމާ ފެންނަނީ ދުންގަނޑެއް ހެންނެވެ. އެއީ ބަނޑުހައިވެގެން ގޮސް ވާނުވާގޮތް ނޭނގިގެންނެވެ. ދެން އަލުންވެސް އެމީހުން رسول الله ﷺ އަރިހަށް ގޮސް އެމީހުން إيمان ވުމުގެ شرط ގެ މައްޗަށް އެކަން ލުއިކޮށްދެއްވައި، كشف ކޮށްދެއްވުން އެދުނެވެ. އެވާހަކަ ބާރަވަނަ އާޔަތާއި، ތޭރަވަނަ އާޔަތާއި، އޭގެ ފަހުގެ ދެ އާޔަތުގައި އެވަނީއެވެ. = أيسر التّفاسير - زبدة التّفسير =

  12. رَّبَّنَا ٱكۡشِفۡ عَنَّا ٱلۡعَذَابَ إِنَّا مُؤۡمِنُونَ

    Open ayah 44:12

    (އެމީހުން رسول الله ﷺ މެދުވެރިކޮށް، ދެންނެވި ކަމުގައި ވެއެވެ.) އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ ކިބައިން މި عذاب ނަންގަވައި، كشف ކުރައްވާނދޭވެ. ހަމަކަށަވަރުން مؤمن ން ކަމުގައި އަޅަ މެން ވާހުށީމެވެ. (މީގެ جواب ގައި ﷲ وحي ކުރެއްވިއެވެ.)

  13. أَنَّىٰ لَهُمُ ٱلذِّكۡرَىٰ وَقَدۡ جَآءَهُمۡ رَسُولٞ مُّبِينٞ

    Open ayah 44:13

    އެމީހުން وعظ އާއި، نصيحة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެމީހުން ގާތަށް حقّ އާއި، باطل އޮޅުންފިލުވައިދޭނޭ، އަދި بيان ކޮށްދެއްވާ رسول ބޭކަލަކު ވަޑައިގެން އެ ހުންނެވީއެވެ. (އެއީ حقّ ތެދު رسول ބޭކަލަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ.)

  14. ثُمَّ تَوَلَّوۡاْ عَنۡهُ وَقَالُواْ مُعَلَّمٞ مَّجۡنُونٌ

    Open ayah 44:14

    ދެން އެއަށްފަހު އެމީހުން އެ ރަސޫލާއާއި، އެ رسول އާ ގެންނެވި ތަކެއްޗަށް ފުރަގަސްދިނީއެވެ. އަދި އެމީހުން ބުނީ އެކަލޭގެފާނަކީ އެހެން ءادم ގެ ދަރިޔަކު އެކަލޭގެފާނަށް އުނގަންނައިދީފައިވާ މީހަކު ކަމަށެވެ. އަދި އެއީ މޮޔައެއް ކަމަށެވެ.

  15. إِنَّا كَاشِفُواْ ٱلۡعَذَابِ قَلِيلًاۚ إِنَّكُمۡ عَآئِدُونَ

    Open ayah 44:15

    ދެން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެ عذاب، يعني އެ ތަދުމަޑުކަން ދުވަސްކޮޅަކަށް ނެންގެވީމެވެ. (އެއީ އެމީހުން إيمان ވޭތޯ ބެއްލެވުމަށެވެ.) އެމީހުން އަލުންވެސް އެމީހުން ކުރީން ތިބި ނުކިޔަމަންތެރިކަމަށް رجوع ވީއެވެ. شرك ކުރަން ފެށީއެވެ.

  16. يَوۡمَ نَبۡطِشُ ٱلۡبَطۡشَةَ ٱلۡكُبۡرَىٰٓ إِنَّا مُنتَقِمُونَ

    Open ayah 44:16

    ގަދަވެގެންވާ ހިއްޕެވުމަކުން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) ހަމަކަށަވަރުން އެމީހުންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ. ދަންނައެވެ. މިއާޔަތުގައި މި ނަންގަނެވޭ ދުވަހަކާމެދު ބަސް ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ބަދުރު ހަނގުރާމައިގެ ދުވަސް ކަމަށެވެ. ފަހެ مكّة ގެ قريش ންނަށް ދިމާވެފައި އޮތް ބަނޑުހައިހޫނުކަން ﷲ ލުއިކުރެއްވުމުންވެސް އެމީހުން އީމާން ނުވިއެވެ. ދެން ބަދުރު ހަނގުރާމައިގައި އެމީހުންގެ ތެރެއިން ނަގާކިޔަން އުޅުނު ބޮޑެތި ކާފަރުން ﷲ ހިއްޕަވައި، ދުނިޔޭގައިވެސް ދެރަކަން ދެއްކެވީއެވެ. އަދި آخرة ދުވަހުން ހުރީވެސް އަބަދީ عذاب އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ މިއާޔަތުގައި މި ذكر ކުރެވޭ ދުވަހަކީ قيامة ދުވަސް ކަމަށެވެ. އެދުވަހުން އެމީހުންނަށް ގަދަވެގެންވާ عذاب ﷲ ދެއްވާ ހުއްޓެވެ. والله أعلم بالصّواب.

  17. ۞وَلَقَدۡ فَتَنَّا قَبۡلَهُمۡ قَوۡمَ فِرۡعَوۡنَ وَجَآءَهُمۡ رَسُولٞ كَرِيمٌ

    Open ayah 44:17

    އަދި ހަމަކަށަވަރުން އެމީހުންގެ ކުރީން - އެބަހީ مكّة ގެ قريش ންގެ ކުރީން - ތިމަން ރަސްކަލާނގެ فرعون ގެ قوم ގެ މީހުން إمتحان ކުރީމެވެ. އަދި އެމީހުންގެ ގާތަށް މާތްވެގެންވާ رسول ބޭކަލަކު ވަޑައިގެންނެވިއެވެ. (އެއީ موسى عَلَيْه السلام އެވެ.)

  18. أَنۡ أَدُّوٓاْ إِلَيَّ عِبَادَ ٱللَّهِۖ إِنِّي لَكُمۡ رَسُولٌ أَمِينٞ

    Open ayah 44:18

    (އެކަލޭގެފާނު ވިދާޅުވިއެވެ.) ތިމަން ކަލޭގަފާނާއެކު ﷲ ގެ އަޅުތަކުން يعني بني إسرائيل ގެ މީހުން ފޮނުވައިދޭށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންނަށް ވާ أمانة ތެރި رسول އަކީމެވެ. (ތިމަން ކަލޭގެފާނު މި ރިސާލަތުގައި خيانة ތެރި ނުވާހުށީމެވެ.)

  19. وَأَن لَّا تَعۡلُواْ عَلَى ٱللَّهِۖ إِنِّيٓ ءَاتِيكُم بِسُلۡطَٰنٖ مُّبِينٖ

    Open ayah 44:19

    އަދި ތިޔަބައިމީހުން ﷲ ގެ މައްޗަށް ބޮޑާވެ، كبر ވެރިވެނުގަންނާށެވެ. (މަތިހަށި ނަގައި ނުއުޅޭށެވެ.) އެކަލާނގެއަށް ކިޔަމަންތެރި ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް بيان ވެގެންވާ دليل ގެނަސްދޭހުށީމެވެ. معجزة ގެނަސްދޭހުށީމެވެ.

  20. وَإِنِّي عُذۡتُ بِرَبِّي وَرَبِّكُمۡ أَن تَرۡجُمُونِ 

    Open ayah 44:20

    އަދި ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިމަންކަލޭގެފާނާއި، އަދި ކަލޭމެންގެވެސް ربّ ގެ حضرة ން ރައްކާތެރިކަމާއި، حماية މި އެދެނީ ކަލޭމެން ތިމަން ކަލޭގެފާނު رجم ކޮށްފާނޭތީއެވެ. ގަލުން ތަޅައި، މަރައިފާނޭތީއެވެ.

  21. وَإِن لَّمۡ تُؤۡمِنُواْ لِي فَٱعۡتَزِلُونِ

    Open ayah 44:21

    އަދި ކަލޭމެން ތިމަން ކަލޭގެފާނަށް إيمان ނުވަންޏާ އަދި ތިމަން ކަލޭގެފާނުންގެ ބަސްފުޅު ތެދުނުކުރަންޏާ ކަލޭމެން ތިމަން ކަލޭގެފާނު ދޫކޮށްލާށެވެ. (ތިމަން ކަލޭގެފާނަށް އަނިޔާކޮށް، އުނދަގޫ ނުކުރާށެވެ.)

  22. فَدَعَا رَبَّهُۥٓ أَنَّ هَٰٓؤُلَآءِ قَوۡمٞ مُّجۡرِمُونَ

    Open ayah 44:22

    ދެންފަހެ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މިބައިމީހުންނަކީ (يعني فرعون އާއި، އޭނާގެ قوم ގެ މީހުންނަކީ) ހަމަކަށަވަރުންވެސް مجرم ންނެވެ. ކުށްވެރީންނެވެ. ފާފަވެރީންނެވެ.

  23. فَأَسۡرِ بِعِبَادِي لَيۡلًا إِنَّكُم مُّتَّبَعُونَ

    Open ayah 44:23

    ފަހެ ﷲ އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި وحي ކުރެއްވިއެވެ. (އޭ موسى عَلَيْه السلام އެވެ. ކަލޭގެފާނު ތިމަން ރަސްކަލާނގެ އަޅުތަކުންނާއިގެން، އެބަހީ ބަނީ އިސްރާއީލު މީހުންނާއިގެން އަވަސް އަވަހަށް (مصر ން) ނުކުމެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. އެބަހީ فرعون އާއި، އޭނާގެ لشكر ތިޔަބައިމީހުންނާ تبع ވެގެން އަންނާނެއެވެ.

  24. وَٱتۡرُكِ ٱلۡبَحۡرَ رَهۡوًاۖ إِنَّهُمۡ جُندٞ مُّغۡرَقُونَ

    Open ayah 44:24

    އަދި ކަނޑު ހަމަހިމޭންކޮށް، حركاة އެއް ނުކުރާ ގޮތަށް ދޫކޮށްލާފައި ބަހައްޓާށެވެ. ހަމަކަށަވަރުން އެމީހުންނަކީ - فرعون އާއި، އޭނާގެ لشكر އަކީ - ކަނޑުގައި غرق ވެވޭނޭ ބައެކެވެ. ދަންނައެވެ. މިތަނުން މި އިޝާރަތްވަނީ موسى عَلَيْه السلام ﷲ ގެ أمر ފުޅަށް ކަނޑުގައި އެކަލޭގެފާނުންގެ އަސާކޮޅުން ޖެއްސެވީމާ، ކަނޑުގެ ފެންގަނޑު ބައިބައިވެ، މައްޗަށް އަރައި، ހުއްޓިފައި ހުރިކަމާއި ދެން ކަނޑުގެ އެ މަގުތަކުން بني إسرائيل ގެ މީހުން ކަނޑުގެ އަނެއް ފަރާތަށް އެރީމާވެސް ކަނޑު އެހުރިގޮތަށްموسى عَلَيْه السلام قصد ފުޅުކުރެއްވީ ފަހަތުން فرعون އާއި، އޭނާގެ لشكر އައުމުގެ ކުރީން ކަނޑުގައި ދެވަނަ ފަހަރަށް އަސާކޮޅުން ޖައްސަވައި ކަނޑު އެއްވަރުކުރައްވާށެވެ. އެހެންވެ ﷲ އެންގެވީ ކަނޑު އެގޮތަށް ބެހެއްޓެވުމަށެވެ. އެއީ فرعون އާއި، އޭނާގެ لشكر ކަނޑަށް ވަދެގަންނާނދެނެވެ. ވަދެގަތީމާ، ދެން ކަނޑު އިހު އޮތްގޮތަށް، ﷲ ހެއްދެވުމަށެވެ. ކަން ވީވެސް އެހެންނެވެ. فرعون އާއި، އޭނާގެ لشكر މަރުވީ ކަނޑުގައި غرق ވެގެންނެވެ. އެމީހުން ކަނޑުގެ ތެރެއަށް ވެދެގަތުމުން ހަމަ އާދައިގެ ގޮތަށް ކަނޑު ދިޔައިކުރައްވައި، ކަނޑަކަށް ހެއްދެވީއެވެ.

  25. كَمۡ تَرَكُواْ مِن جَنَّٰتٖ وَعُيُونٖ

    Open ayah 44:25

    އެބައިމީހުން، يعني فرعون އާއި، އޭނާގެ لشكر ގެ މީހުން، ކިހައި ބަގީޗާއަކާއި، ކިހައި ކޯރަކާއި، އަދި،

  26. وَزُرُوعٖ وَمَقَامٖ كَرِيمٖ

    Open ayah 44:26

    ކިހައި ދަނޑުބިމަކާއި، އަދި ރަނގަޅުވެގެންވާ ގެތަކާއި، ކިހައިވަރަކަށް ދޫކުރި ހެއްޔެވެ؟ (އެބަހީ އެބާވަތުގެ ވަރަށް ގިނަ އެއްޗެތި އެމީހުން ދޫކުރިއެވެ.)

  27. وَنَعۡمَةٖ كَانُواْ فِيهَا فَٰكِهِينَ

    Open ayah 44:27

    އަދި މިނޫންވެސް ކިހައި ގިނަ މުދަލާއި، نعمة ގައި އެމީހުން މަޖާނެގި ކަމުގައި ވިހެއްޔެވެ؟ އެބަހީ ވަރަށްގިނަ نعمة އާއި، އަރާމުގައި އެމީހުން މަޖާނެގިއެވެ.

  28. كَذَٰلِكَۖ وَأَوۡرَثۡنَٰهَا قَوۡمًا ءَاخَرِينَ

    Open ayah 44:28

    އަދި ހަމަ އެފަދައިން އެ މުދާތަކާއި، އެ ބަގީޗާތަކާއި، ކޯރުތަކާއި، އެ ހުރިހައި ތަކެތި ތިމަން ރަސްކަލާނގެ އެހެން ބަޔަކަށް ވާރުތަކޮށްދެއްވީމެވެ. އެބަޔަކީ އެއީ بني إسرائيل ންނެވެ.

  29. فَمَا بَكَتۡ عَلَيۡهِمُ ٱلسَّمَآءُ وَٱلۡأَرۡضُ وَمَا كَانُواْ مُنظَرِينَ

    Open ayah 44:29

    ދެންފަހެ فرعون އާއި، އޭނާގެ لشكر ކަނޑުގައި غرق ވެ، މަރުވެގެން ދިޔައޭ ކިޔާފައި، އުޑާއި، ބިންވެސް އެކަމާ ހިތާމައިން ރޮއިލީއެއްވެސް ނޫނެވެ. (فرعون އަކީ އޭނާ ބުނިގޮތުން ކަލާނގެ ކަމުގައި ވީނަމަ، ކަލާނގެ މަރުވެގެން ރޯންޖެހުނީހެވެ. އެއިންވެސް ސާބިތުވަނީ އޭނާގެ ދޮގުވެރިކަމެވެ. އަދި އެމީހުން މަރުވާން ދިމާވި ވަގުތު އެމީހުންނަށް އެއްވެސް ތަންވަޅެއް، مهلة އެއް، އަދި إنتظار އެއްވެސް ނުލިބުނެވެ.)

  30. وَلَقَدۡ نَجَّيۡنَا بَنِيٓ إِسۡرَٰٓءِيلَ مِنَ ٱلۡعَذَابِ ٱلۡمُهِينِ 

    Open ayah 44:30

    އަދި ހަމަކަށަވަރުން އިހާނާތްތެރި ވެގެންވާ عذاب ން (ނުބައި އުނދަގުލުން) ތިމަން ރަސްކަލާނގެ بني إسرائيل ގެ މީހުން ސަލާމަތްކުރެއްވީމެވެ.

  31. مِن فِرۡعَوۡنَۚ إِنَّهُۥ كَانَ عَالِيٗا مِّنَ ٱلۡمُسۡرِفِينَ

    Open ayah 44:31

    އެއީ فرعون ގެ ކިބައިންނެވެ. (فرعون ގެ ނުބައި އަނިޔާއިންނެވެ.) ހަމަކަށަވަރުން އެ فرعون އަކީ ކާފަރުކަމާއި، އުރެދުމުގައި މަތީ ވަނައެއްގައި ވާ މީހަކު ކަމުގައި ވިއެވެ.

  32. وَلَقَدِ ٱخۡتَرۡنَٰهُمۡ عَلَىٰ عِلۡمٍ عَلَى ٱلۡعَٰلَمِينَ

    Open ayah 44:32

    އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުން، يعني ބަނީ އިސްރާއީލުންގެ މީހުން އޭރު ދުނިޔޭގައި ތިބި އެންމެހައި މީސްތަކުންގެ މައްޗަށް خاصّ ކުރައްވައި، إختيار ކުރެއްވީމެވެ. އެއީ ތިމަން ރަސްކަލާނގެ ފުރިހަމަ ދެނެވޮޑިގަތުމުގެ މަތީންނެވެ. (އެމީހުން إختيار ކުރެއްވީ އެމީހުންގެ ތެރެއިން ގިނަ ރަސޫލު ބޭކަލުން ވަޑައިގަތުމުގެ ސަބަބުންނާއި، އަދި موسى عَليه السلام ގެ އަރިހުގައި އެމީހުން އުފުލި ބުރަތަކާއި، ކެތްތެރިކަމުގެ ސަބަބުންނާވެސް އެކުގައެވެ.)

  33. وَءَاتَيۡنَٰهُم مِّنَ ٱلۡأٓيَٰتِ مَا فِيهِ بَلَٰٓؤٞاْ مُّبِينٌ

    Open ayah 44:33

    އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ބޮޑެތިވެގެންވާ معجزات ތައް އެމީހުންނަށް ދެއްވީމެވެ. އެ ކަންކަމުގައި بيان ވެގެންވާ إمتحان އާއި، ގޮތް ބެއްލެވުންތައް އެކުލެވިގެން ވެއެވެ. (އެމީހުންނަށް ﷲ ދެއްކެވި معجزات ތަކުގެ ތެރޭގައި فرعون ގެ އަތްދަށުން އެމީހުން ސަލާމަތް ކުރެއްވުމާއި، އެމީހުންނަށް ޓަކައި ކަނޑު ފެޅުއްވުމާއި ވިލާގަނޑު ހިޔާއެޅުމާއި، منّ އާއި سلوى ބާވައިލެއްވުމާއި، އަދި މިނޫންވެސް ކަންކަން ވެއެވެ.)

  34. إِنَّ هَٰٓؤُلَآءِ لَيَقُولُونَ

    Open ayah 44:34

    ހަމަކަށަވަރުން މިމީހުން يعني مكّة ގެ مشرك ން އެ ބުނަނީއެވެ.

  35. إِنۡ هِيَ إِلَّا مَوۡتَتُنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُنشَرِينَ

    Open ayah 44:35

    އަހުރެމެން މި ދުނިޔޭގައި މަރުވާ މަރުވުން ނިމުނީމާ ދެން ނިމުނީއެވެ. އޭގެފަހުން ދެން އިތުރު حياة އެއް ނޯންނާނެއެވެ. އަހުރެމެންނަކީ އެއްގޮތަކަށްވެސް ދިރިގެން، ދެވަނަ ފަހަރަށް ފޮނުވޭނޭ ބަޔަކު ކަމުގައި ނުވެއެވެ.

  36. فَأۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ

    Open ayah 44:36

    (އޭ محمّد ގެފާނެވެ.) ތިޔަ ވިދާޅުވަނީ ތެދެއް ކަމުގައި ވަންޏާ، އަހުރެމެންގެ އިސްވެދިޔަ ކާބަފައިން ނިކަން ދިރުވައިގެން ގެނަސްދީބަލާށެވެ. (އެމީހުންގެ މި ބަހަކީ ވަރަށް ދަށުދަރަޖައިގެ ބަހެކެވެ. ދުނިޔޭގައި ދިރުވައިގެން ގެންނާނޭ ވާހަކައެއް އެއްވެސް ބޭކަލަކު ވިދާޅެއް ނުވެއެވެ. ކޮންމެ ބޭކަލަކުވެސް ވިދާޅުވަނީ قيامة ދުވަހުން މީސްތަކުން ދިރުއްވައި، حساب ބައްލަވާނޭ ވާހަކައެވެ. އެހެންވީއިރު، އެމީހުންގެ އެ ދަލީލަކީ، އެ ވާހަކައަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ.)

  37. أَهُمۡ خَيۡرٌ أَمۡ قَوۡمُ تُبَّعٖ وَٱلَّذِينَ مِن قَبۡلِهِمۡ أَهۡلَكۡنَٰهُمۡۚ إِنَّهُمۡ كَانُواْ مُجۡرِمِينَ

    Open ayah 44:37

    يمن ކަރައިގެ حمير ވަންހައިގެ تُبَّع ވަންހައިގެ މީހުންނާއި، ދެންވެސް އޭގެ ކުރީން އިސްވެދިޔަ (نوح قوم - عاد - އަދި ثمود ފަދަ) قوم ތަކަށްވުރެ މިމީހުން، يعني މި قريش ންގެ މީހުން ވަކި ހެވީ ހެއްޔެވެ؟ ބާރު ގަދަވެފައި، މުދާ ގިނައީ ހެއްޔެވެ؟ (އެހެން ނޫނެވެ. އެމީހުން، މުދާ މާ ގިނަވެފައި وصيلة ތައް ގިނައެވެ. މާ ގަދަފަދައެވެ.) ނަމަވެސް އެމީހުންވެސް (ނުކިޔަމަންތެރި ވީހިނދުން) ތިމަން ރަސްކަލާނގެ އެމީހުން ހަލާކު ކުރެއްވީމެވެ. އެމީހުން ވީ ކަނޑައެޅިގެން ނުބައި، ނުލަފާ مجرم ން ކަމުގައެވެ. مشرك ން ކަމުގައެވެ. قريش ންނަށްވެސް ވާނީ ހަމަ އެގޮތެވެ. ނުކިޔަމަންތެރި ވެއްޖެއްޔާ ހަމަ ހަލާކު ކުރައްވާ ހުށީމެވެ.)

  38. وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ

    Open ayah 44:38

    އުޑާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެއްޗާއި، މިތަކެތި ކުޅިވަރު ގޮތެއްގައި ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ.

  39. مَا خَلَقۡنَٰهُمَآ إِلَّا بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

    Open ayah 44:39

    ހަމަ حقّ ގޮތުގައި މެނުވީ ތިމަން ރަސްކަލާނގެ އެ ތަންތަން، يعني އުޑާއި، ބިން ނުހައްދަވަމެވެ. (އެބަހީ އެ ތަންތަން ހެއްދެވީ ހަމަ حقّ ގޮތުގައެވެ. ބޮޑުވެގެންވާ حكمة އަކަށް ޓަކައެވެ.)

  40. إِنَّ يَوۡمَ ٱلۡفَصۡلِ مِيقَٰتُهُمۡ أَجۡمَعِينَ 

    Open ayah 44:40

    ހަމަކަށަވަރުން ހުރިހާ ތަކެތި ވަކިކުރައްވާ، قيامة ދުވަސް އެއީ އެ ހުރިހާ މީހުން جمع ކުރައްވާ ދުވަހެވެ. (ހެޔޮ މީހުންނާއި، ނުބައި މީހުން، ރަނގަޅާއި، ނުބައި، حقّ އާއި، باطل... މި ހުރިހައި ތަކެތި ވަކިކުރައްވައި ފުރިހަމަ ޖަޒާ ދެއްވާނެއެވެ.)

  41. يَوۡمَ لَا يُغۡنِي مَوۡلًى عَن مَّوۡلٗى شَيۡـٔٗا وَلَا هُمۡ يُنصَرُونَ

    Open ayah 44:41

    އެދުވަހުން އެއްވެސް ގާތްމީހަކަށްވެސް، ގާތް އަނެއް މީހަކަށް އެއްވެސް ކަމެއް (ﷲ ގެ إذن ޔާ ނުލައި) ފުއްދައި ނުދެވޭނެއެވެ. އެކަކުގެ ފާފަ އަނެކަކު ނުއުފުލާނެއެވެ. އަދި އެއްވެސް نصر އެއް ލިބޭނޭ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. (އެބަހީ ﷲ ގެ عذاب ކަނޑައެޅިފައި އޮތް މީހަކަށް އެ عذاب ދުރުކޮށްދެނޭ ހަމަ އެކަކުވެސް ﷲ މެނުވީ ނުވެއެވެ.)

  42. إِلَّا مَن رَّحِمَ ٱللَّهُۚ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلرَّحِيمُ

    Open ayah 44:42

    ހަމައެކަނި ﷲ އެމީހަކަށް رحمة ލެއްވި މީހަކު މެނުވީއެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ، އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  43. إِنَّ شَجَرَتَ ٱلزَّقُّومِ

    Open ayah 44:43

    ހަމަކަށަވަރުން زقّوم ގަސް (ދަންނައެވެ.)

  44. طَعَامُ ٱلۡأَثِيمِ

    Open ayah 44:44

    އެއީ ފާފަވެރީންގެ ކާނާއެވެ.

  45. كَٱلۡمُهۡلِ يَغۡلِي فِي ٱلۡبُطُونِ

    Open ayah 44:45

    ތެލުގެ ގަރުގަނޑެއް ފަދައިން، ނުވަތަ ވިރިފައި ހުންނަ ރަންވަންލޯ ފަދައިން ބަނޑުގެ ތެރޭގައި އެތަކެތި ކެކެއެވެ.

  46. كَغَلۡيِ ٱلۡحَمِيمِ

    Open ayah 44:46

    އެތަކެތި ކެކެނީ އެންމެ ހޫނުގަދަ ފެން ކެކޭފަދައިންނެވެ.

  47. خُذُوهُ فَٱعۡتِلُوهُ إِلَىٰ سَوَآءِ ٱلۡجَحِيمِ

    Open ayah 44:47

    (ނަރަކައިގެ زبانيّة މަލާއިކަތުންނަށް އެންގެވޭނެއެވެ.) ތިޔަ ބޭކަލުން އޭނާ، يعني އެ ކުށްވެރި ފާފަވެރިޔާ ހިފަހައްޓާށެވެ. އަދި ގަދަފަދަކަމާއެކު އޭނާ ދަމާފައި ގެންދާށެވެ. އަދި ނަރަކައިގެ މެދަށް އޭނާ ވައްޓައިލާށެވެ.

  48. ثُمَّ صُبُّواْ فَوۡقَ رَأۡسِهِۦ مِنۡ عَذَابِ ٱلۡحَمِيمِ

    Open ayah 44:48

    އަދި އެންމެގަދަ ހޫނު ފެނުގެ ގަދަ عذاب އޭނާގެ ބޮލަށް އޮއްސާށެވެ.

  49. ذُقۡ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡكَرِيمُ

    Open ayah 44:49

    (އަދި އޭނާއަށް ތިޔަ ބޭކަލުން / އެ ކުށްވެރި ކަލޭގެއަށް ވިދާޅުވާށެވެ.) ކަލޭ މި عذاب ގެ ރަހަ ލިބިގަންނާށެވެ. ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ. (މިއީ މަލާމާތުގެ ރާގަކަށް ވިދާޅުވާ، ވިދާޅުވުމެކެވެ.) ދަންނައެވެ. މި އާޔަތުގައި އެވާ "ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ." މިހެން އެވަނީ ނަރަކައިގައި أبو جهل އަށް عذاب ދެއްވޭ ވަގުތު އޭނާޔާ ދިމާއަށް ބުނެވޭ މަލާމާތުގެ ބަސްފުޅެއް ކަމުގައި ވެއެވެ. އެކަން އެހެން ދިމާވި ސަބަބެއް ކަމުގައި ވަނީ رسول الله ﷺ އޭނާއަށް دين ގެ ވާހަކަ ދެއްކެވި ވަގުތެއްގައި އޭނާ ދެންނެވީ "ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުންގެ ސާހިބާއަކަށްވެސް އަހުރެންނަށް އެއްވެސް ގޮތެއް ނެހެދޭނެއެވެ. އަހުރެންނަކީ މި بطماء ގައިވާ އެންމެ ގަދަފަދަ މީހާއެވެ. އަހުރެންނަކީ العزيز الكريم އެވެ. (يعني އަހުރެންނަކީ عزّة ތެރި، މާތް މީހާއެވެ.) " އެކަމުގެ މުނާސަބަތުގައި ނަރަކައިން عذاب ދެއްވޭ ވަގުތު އެ كلمة އޭނާއަށް ހަނދާންކޮށްދެއްވީއެވެ. والله أعلم.

  50. إِنَّ هَٰذَا مَا كُنتُم بِهِۦ تَمۡتَرُونَ 

    Open ayah 44:50

    ހަމަކަށަވަރުން ތިޔަ عذاب އަކީ ތިޔަބައިމީހުން ދުނިޔޭގައި އެޔާމެދު ޝައްކު ކުރަމުންދިޔަ عذاب އެވެ.

  51. إِنَّ ٱلۡمُتَّقِينَ فِي مَقَامٍ أَمِينٖ

    Open ayah 44:51

    ހަމަކަށަވަރުން تقوى ވެރީން - އެބަހީ ﷲ އަށް ބިރުވެތިވެ، ކިޔަމަންތެރިވީ މީސްތަކުން - قيامة ދުވަހުން ތިބޭހުށީ އަމާން ވެގެންވާ ތަންތާނގައެވެ. مجلس ތަކުގައެވެ. އެއީ ސުވަރުގޭގައެވެ.

  52. فِي جَنَّٰتٖ وَعُيُونٖ

    Open ayah 44:52

    ސުވަރުގެތަކުގައްޔާއި، އެތާނގެ އެކިއެކި އާރުތަކުގެ نعمة ގައެވެ.

  53. يَلۡبَسُونَ مِن سُندُسٖ وَإِسۡتَبۡرَقٖ مُّتَقَٰبِلِينَ

    Open ayah 44:53

    އެމީހުން ސުވަރުގޭގައި ފަށުއި ފޭރާމުގެ ތުނިވައްތަރާއި، އޭގެ ބޯވައްތަރުގެ ފޭރާން ލާނެއެވެ. އެމީހުން އެތާ ތިބޭނީވެސް އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެންނެވެ. (އެބައިމީހުން ތިބޭ އެނދުދާންކޮޅުތައް ބޭނުން ދިމާލަކަށް އެނބުރޭ ހުއްޓެވެ.)

  54. كَذَٰلِكَ وَزَوَّجۡنَٰهُم بِحُورٍ عِينٖ

    Open ayah 44:54

    (ސުވަރުގޭގައި) ކަންތައް ހުންނާނީ އެފަދައިންނެވެ. އަދި ލޯ ތަނަވަސްވެގެންވާ، ދޮން، ރީތި އަންހެން ކުދީންނާ (حورالعين ންނާ) ތިމަން ރަސްކަލާނގެ އެމީހުންނާ ކާވެނި ކޮށްދެއްވާ ހުށީމެވެ.

  55. يَدۡعُونَ فِيهَا بِكُلِّ فَٰكِهَةٍ ءَامِنِينَ

    Open ayah 44:55

    އަދި އެއްވެސް ބާވަތެއްގެ ބިރެއް، އަދި ގެއްލުމެއްނެތް މޭވާގެ ކޮންމެ ބާވަތެއްގެ މޭވާ ގެނައުމަށް ގޮވާނެއެވެ. (ނުވަތަ އެމީހުން އަމާން ވެގެންވާ حال ގައި، ހުރިހައި ބާވަތެއްގެ މޭވާ ގެނައުމަށް، އެތާނގެ خادم ންނަށް ގޮވާނެއެވެ.)

  56. لَا يَذُوقُونَ فِيهَا ٱلۡمَوۡتَ إِلَّا ٱلۡمَوۡتَةَ ٱلۡأُولَىٰۖ وَوَقَىٰهُمۡ عَذَابَ ٱلۡجَحِيمِ

    Open ayah 44:56

    ފުރަތަމަ ފަހަރު (ދުނިޔޭގެ حياة ގެ ނިމުމެއް ކަމުގައިވި) ފުރަތަމަ މަރު ނޫނީ އެމީހުން އެ ސުވަރުގޭގައި މަރުގެ ރަހަ ނުދެކޭނެއެވެ. (ދުވަހަކު މަރުނުވާނެއެވެ. އެފަދަ ބޮޑު نعمة ގައި އެމީހުން ތިބޭނީ އަބަދީ حياة އެއްގައެވެ.) އަދި ނަރަކައިގެ عذاب ން އެކަލާނގެ އެމީހުން ސަލާމަތް ކުރައްވާ ހުއްޓެވެ.

  57. فَضۡلٗا مِّن رَّبِّكَۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ

    Open ayah 44:57

    (އޭ رسول الله އެވެ.) އެ ހުރިހައި نعمة އަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ންވާ فضل ވަންތަވެރި ކަމެއްގެ ގޮތުންނެވެ. إحسان ވަންތަ ކަމެއްގެ ގޮތުންނެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

  58. فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لَعَلَّهُمۡ يَتَذَكَّرُونَ

    Open ayah 44:58

    ފަހެ ތިމަން ރަސްކަލާނގެ އެ قرآن ފަސޭހަކުރެއްވީމެވެ. އެއީ ކަލޭގެފާނުގެ ބަސް ކަމުގައިވާ عرب ބަހުން ބާވައިލެއްވީމައެވެ. އެއީ އެމީހުން وعظ އާއި، نصيحة ލިބިގަނޭތޯއެވެ.

  59. فَٱرۡتَقِبۡ إِنَّهُم مُّرۡتَقِبُونَ

    Open ayah 44:59

    ފަހެ ކަލޭގެފާނު إنتظار ކުރައްވާށެވެ. ހަމަކަށަވަރުން އެމީހުންވެސް އެއީ إنتظار ކުރާ ބައެކެވެ. (އެބަހީ: އެމީހުންގެ މައްޗަށް ކަލޭގެފާނަށް ލިބިވަޑައިގަންނަވާނޭ نصر އާއި، كاميابي އަށް ކަލޭގެފާނު إنتظار ކުރައްވާށެވެ. އަދި އެމީހުން އެ إنتظار ކުރަނީ ކަލޭގެފާނަށް ގެއްލުމާއި، ހަލާކު ލިބުމަށެވެ. އަދި ކަލޭގެފާނު އަވަހާރަވުމަށެވެ.)