نوح

Nooh

Noah · Surah 71 · Ayahs: 28 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. إِنَّآ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦٓ أَنۡ أَنذِرۡ قَوۡمَكَ مِن قَبۡلِ أَن يَأۡتِيَهُمۡ عَذَابٌ أَلِيمٞ

    Open ayah 71:1

    ހަމަކަށަވަރުން ތިމަންރަސްލާނގެ نُوْح عَلَيهِ السَلام އެކަލޭގެފާނުންގެ ޤައުމަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. އަދި އެކަލޭގެފާނަށް އެންގެވީމެވެ. ކަލޭގެފާނުންގެ ޤައުމަށް އިންޒާރު ކުރައްވާށެވެ. (قِيامة ދުވަސް އައުމުގެ ބިރުވެރިކަމުގެ ޚަބަރު އެމީހުންނަށް ދެއްވާށެވެ.) އެއީ އެމީހުންނަށް ވޭންދެނިވި عَذاب އެއް އައުމުގެ ކުރިންނެވެ. އެބަހީ އޭގެ ކުރިން އެމީހުން އީމާންވެ الله އަށް شِرْك ނުކޮށް ރަނގަޅު ޞާލިޙު ބަޔަކަށް ވުމަށެވެ.

  2. قَالَ يَٰقَوۡمِ إِنِّي لَكُمۡ نَذِيرٞ مُّبِينٌ

    Open ayah 71:2

    އެކަލޭގެފާނު - އެބަހީ نُوْح عَلَيه السلام- އެކަލޭގެފާނުންގެ ޤައުމަށް ވިދާޅުވިއެވެ. ގޮވާލެއްވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެންގެ ގާތަށް އައި ނަޒީރަކީމެވެ. އެބަހީ عَذاب އަތުވެދާނެ ކަމުގެ ބިރުވެރިކަމުގެ ޚަބަރު ދިނުމަށްއައިމީހެކެވެ.

  3. أَنِ ٱعۡبُدُواْ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ

    Open ayah 71:3

    އެއީ ކަލޭމެން الله އަށް އަޅުކަންކުރާށޭ އަދި އެކަލާނގެއަށް ބިރުވެތިވާށެވެ. އަދި ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ! (މިހެން ގޮވާލުމަށެވެ.)

  4. يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُؤَخِّرۡكُمۡ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُۚ لَوۡ كُنتُمۡ تَعۡلَمُونَ

    Open ayah 71:4

    އޭރުން އެކަލާނގެ ކަލޭމެންގެ ފާފައިގެ ތެރެއިން ބައެއް ފާފަ ފުއްސަވައި އަދި ކަނޑައެޅި ނަންކިއައިގެންވާ ވަކި ދުވަހަކަށް ކަލޭމެން ލަސްކުރަށްވާ ހުއްޓެވެ. ހަމަކަށަވަރުން الله ކަނޑައަޅުއްވައިފައިވާ ދުވަސް އަތުވެއްޖެއްޔާއި ދެން ލަސްފަސްވުމެއްނޯއްނާނެއެވެ. އެކަން ކަލޭމެންނަށް އެނގޭނެނަމައެވެ.

  5. قَالَ رَبِّ إِنِّي دَعَوۡتُ قَوۡمِي لَيۡلٗا وَنَهَارٗا

    Open ayah 71:5

    އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ ޤައުމަށް ދަޢްވަތު ދީފީމެވެ. ގޮވައިލައި تبليغ ކޮށްފީމެވެ. އެއީ ރޭގަނޑާއި ދުވާލުގައިވެސް މެއެވެ.

  6. فَلَمۡ يَزِدۡهُمۡ دُعَآءِيٓ إِلَّا فِرَارٗا

    Open ayah 71:6

    އަދި މިއަޅާގެ ގޮވައިލެއްވުމުން އެމީހުން ފުރަގަސް ދިނުމާއި ފިލައަގެން ދިއުން މެނުވީ އިތުރެއް ނުކުރިއެވެ.

  7. وَإِنِّي كُلَّمَا دَعَوۡتُهُمۡ لِتَغۡفِرَ لَهُمۡ جَعَلُوٓاْ أَصَٰبِعَهُمۡ فِيٓ ءَاذَانِهِمۡ وَٱسۡتَغۡشَوۡاْ ثِيَابَهُمۡ وَأَصَرُّواْ وَٱسۡتَكۡبَرُواْ ٱسۡتِكۡبَارٗا

    Open ayah 71:7

    އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ އެމީހުންގެ ފާފަ ފުއްސެވުމުގެ ސަބަބެއްކަމުގައިވާ އީމާން ކަމަށާއި ކިޔަމަންތެރި ކަމަށް މިއަޅާ އެމީހުންނަށް ގޮވައިލެއްވި ކޮންމެ ހިނދެއްގައި އެމީހުންގެ އިނގިލިތައް އެމީހުންގެ ކަން ފަތް ތަކުގެ މަތީގައި އަޅަނީއެވެ. އަދި އެމީހުންގެ ހެދުންތައް މުޅި ގައިގާ އޮޅާ މިއަޅާގެ އަޑު ނީވޭނެ ގޮތުން ނިވައި ވަނީއެވެ. އަދި އެކާފަރުކަންމަތީ އެމީހުން އެދެމިތިބެނީ އެވެ. އަދި އެމީހުން ކަނޑައެޅިގެން ބޮޑާވެ ކިބުރުވެރިވެ ގަންނަނީއެވެ.

  8. ثُمَّ إِنِّي دَعَوۡتُهُمۡ جِهَارٗا

    Open ayah 71:8

    ދެންފަހެ މިއަޅާ އެމީހުންނަށް ފައުޅުގައި ގޮވާލައިފީމުއެވެ.

  9. ثُمَّ إِنِّيٓ أَعۡلَنتُ لَهُمۡ وَأَسۡرَرۡتُ لَهُمۡ إِسۡرَارٗا

    Open ayah 71:9

    ދެންހަމަކަށަވަރުން މިއަޅާ އެމީހުންނަށް ބާރު އަޑުން ދަޢްވަތު އިޢްލާން ކޮށްފީމެވެ. އަދި ކަނޑައެޅިގެން ސިއްރު ސިއްރުން (އެކިއެކި މީހުން ވަކިވަކިން ގެނުވައިގެންވެސް) ދަޢްވަތު ދީފީމެވެ.

  10. فَقُلۡتُ ٱسۡتَغۡفِرُواْ رَبَّكُمۡ إِنَّهُۥ كَانَ غَفَّارٗا 

    Open ayah 71:10

    އަދި މިއަޅާ އެމީހުންނަށް ބުނީމެވެ. ކަލޭމެން ކަލޭމެން رب ގެ حَضْرَةُ ގައި ކަލޭމެންގެ ފާފަފުއްސެވުން އެދިދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެންވަނީ ގިނަ ގިނައިން ފާފަ ފުއްސަވާ ކަލަކު ކަމުގައެވެ.

  11. يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا

    Open ayah 71:11

    އެކަލާނގެ ކަލޭމެންގެމައްޗަށް އުޑުންބޯވާރޭވެއްސަވާނެއެވެ. (އެބަހީ ފާފަ ފުއްސެވުމަށް އެދި ތައުބާވުމަކީ ވާރޭފެން ގިނަވެ މުއްސަދިވުމުގެ ސަބަބެކެވެ. އަދި އޭގެއިދިކޮޅު އިދިކޮޅެވެ.)

  12. وَيُمۡدِدۡكُم بِأَمۡوَٰلٖ وَبَنِينَ وَيَجۡعَل لَّكُمۡ جَنَّٰتٖ وَيَجۡعَل لَّكُمۡ أَنۡهَٰرٗا

    Open ayah 71:12

    އަދި މުދަލާއި ދަރީނުން އެކަލާނގެކަލޭމެންނަށް މަދަދުކޮށް ދެއްވައެވެ. އެބަހީ ކަލޭމެންނަށް މުދަލާއި ދަރިން ދެއްވަނީވެސް ހަމައެކެލާނގެއެވެ. އަދި ބަގީތަކާއި މީރުފެނުގެކޯރުތައްވެސްކަލޭމެނަށް ލައްވައި ދެއްވީ ހަމައެކަލާނގެއެވެ. މިހުރިހައި نِعْمَةُ ގެ މުޤާބިލުގައި ކަލޭމެން އެކަލާނގެއަށް އީމާންވެ ޝުކުރުއަދާކުރާށެވެ. ޝުކުރު އަދާކުރުމަކީ އެކަލާނގެއަށް އީމާންވެ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެކައްޗަކާވެސް އެކަލާނގެއާއި ޝަރީކު ނުކުރުމެވެ.

  13. مَّا لَكُمۡ لَا تَرۡجُونَ لِلَّهِ وَقَارٗا

    Open ayah 71:13

    (نوح عليه السّلام އެކަލޭގެފާނުގެ ޤައުމާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ.) ކަލޭމެން الله އަށް މާތްކޮށް ހިތައި އެކަލާނގެ މާތް ވަންތަ ކަމާއި عظمة ގެ ބޮޑުކަމަށް ކަލޭމެން ބިރުވެތި ނުވާންވީ ކޮން ކަމަކާ ހެދި ހެއްޔެވެ. ކަލޭމެން ނަށް އޮތީ ކޮން ޢުޛުރެއް ހެއްޔެވެ.

  14. وَقَدۡ خَلَقَكُمۡ أَطۡوَارًا

    Open ayah 71:14

    ހަމަކަށަވަރުން އެކަލާނގެ ކަލޭމެން ހެއްދެވީ އެތައް ޙާލު ތަކެއްގެ ތެރޭގައެވެ. އެތަކެއް ދައުރުގެ ތެރޭގައެވެ. (މަނި ފޮދުވަރަކުން - ލޭކޮޅަކުން - މަސްކޮޅަކުން - ކަށިކޮޅަކުން މިހެންގޮސް ކަލޭމެންގެ ހެއްދެވުން ފުރިހަމަވަންދެން އެކަލާނގެ ހެއްދެވިއެވެ. މިފަދަ ފުރިހަމަކޮށް އަޖާބުވާފަދަ ރީތި ގޮތަކަށް މިހާ ކުޅަދާނަކޮށް މި އިންސާނާ ހެއްދެވި ފަރާތަށްފަހެ ބިރުވެތިވެ ޢިޙްތިރާމު ކޮށް މާތްކޮށް ހިތުން ޙައްޤު ނުވޭބާވައެވެ؟)

  15. أَلَمۡ تَرَوۡاْ كَيۡفَ خَلَقَ ٱللَّهُ سَبۡعَ سَمَٰوَٰتٖ طِبَاقٗا

    Open ayah 71:15

    އަޅެ ފަހެ الله تعالى ހަތް އުޑު އެކަތި އަނެކެތި މައްޗަށް ވާ ގޮތަށް ހައްދަވާފައި ވަނީ ކޮންފަދައަކުންކަން (ކޮންފަދަ ބަދަހި ފުރިހަމަ ނިޟާމެއްގެ މަތީގައިކަން) ކަލޭމެން ނުދެކެނީހެއްޔެވެ؟ އެކަންކަމަށް ބަލައި އެކަންކަމުން އެކަލާނގެ ޤުދުރަތްތެރިވަންތަކަމުގެ ދަލީލު ނުލިބެނީހެއްޔެވެ؟

  16. وَجَعَلَ ٱلۡقَمَرَ فِيهِنَّ نُورٗا وَجَعَلَ ٱلشَّمۡسَ سِرَاجٗا

    Open ayah 71:16

    އަދި އެ އުޑުތަކުގައި އަލިކުރާނެ ނޫރެއްކަމުގައި ހަނދު ލައްވައި އިރު ބައްތިއެއްކަމުގައި އެކަލާނގެ ލެއެވިއެވެ.

  17. وَٱللَّهُ أَنۢبَتَكُم مِّنَ ٱلۡأَرۡضِ نَبَاتٗا

    Open ayah 71:17

    އަދި ތިޔަބައިމީހުން ބިމުން އުފައްދަވައި އެތަނުން ނެރުއްވީ ހަމަ الله އެވެ. (އެބަހީ ތިޔަބައިމީހުން އަސްލުކަމުގައިވާ އާދަމްގެފާނު الله ހެއްދެވީ ވެލިންނެވެ.)

  18. ثُمَّ يُعِيدُكُمۡ فِيهَا وَيُخۡرِجُكُمۡ إِخۡرَاجٗا

    Open ayah 71:18

    ދެން އެކަލާނގެ ތިޔަބައިމީހުން މަރުވުމަށްފަހު އެ ބިމަށް ރުޖޫޢަ ކުރައްވާނެއެވެ. އަދި ޤިޔާމަތް ދުވަހުން އަލުން އަނެއްކާވެސް ކަނޑައެޅިގެން އެކަލާނގެ ތިޔަބައިމީހުން އެބިމުން ނެރުއްވާނެއެވެ.

  19. وَٱللَّهُ جَعَلَ لَكُمُ ٱلۡأَرۡضَ بِسَاطٗا

    Open ayah 71:19

    އަދި الله تعالى ތިޔަބައި މީހުންނަށްޓަކައި އިށީނދެ އޮށޭވެ އަދި ހިނގާބިނގާވެ އުޅުމަށްޓަކައި ދޫލައެއްކަމުގައި ތަންމަށްޗެއްކަމުގައި ބިންގަނޑު ލެއްވިއެވެ.

  20. لِّتَسۡلُكُواْ مِنۡهَا سُبُلٗا فِجَاجٗا 

    Open ayah 71:20

    އެއީ ތިޔަބައިމީހުން އެތަނުން ބޮޑެތި އަދި ތަނަވަސް މަގުތައް އިޚްތިޔާރުކޮށް ހެދުމަށްޓަކައެވެ.

  21. قَالَ نُوحٞ رَّبِّ إِنَّهُمۡ عَصَوۡنِي وَٱتَّبَعُواْ مَن لَّمۡ يَزِدۡهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارٗا

    Open ayah 71:21

    نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން އެމީހުން މިއަޅާއަށް އުރެދިއްޖެއެވެ. އެމީހުން އެ އުރެދުންމަތީ ދެމިތިބިއްޖެއެވެ. އަދި އެމީހުން تبع ވީ އެމީހުންގެ މުދަލާއި ދަރީންނުން ގެއްލުމާއި ހަލާކު މެނުވީ އިތުރު ނުކޮށްދޭބަޔަކާއެވެ. (އެބަހީ އެމީހުންގެ ދެރަވަރު މީހުން ތަބާވީ އެމީހުންގެތެރޭގައިތިބި ބޮޑެތި އަދި ކަމުވޮށިވެގެންވާމީހުންނާއި މުއްސަދިންނާއެވެ.)

  22. وَمَكَرُواْ مَكۡرٗا كُبَّارٗا

    Open ayah 71:22

    އަދި އެމީހުން ވަރަށް ބޮޑުވެގެންވާ މަކަރުހަދައިފިއެވެ. (އެމީހުން ހެދިމަކަރަކީ ރަށުގައިތިބި މޮޔަޖާހިލުން نوح عليه السّلام ގެމައްޗަށް ފާކުރެއްވުމެވެ. އެމީހުން އެކަލޭގެފާނަށް ފާޑުފާޑުގެ ދިމާކުންތައް ދިމާކުރުންވެއެވެ. އަދި މުދާވެރި މަތީމީހުން ފަޤީރުންނަށް އޮޅުވާ ހެއްލުންތެރި ކުރުންވެއެވެ. އަދިވެސް އެތައްކަމެކެވެ.)

  23. وَقَالُواْ لَا تَذَرُنَّ ءَالِهَتَكُمۡ وَلَا تَذَرُنَّ وَدّٗا وَلَا سُوَاعٗا وَلَا يَغُوثَ وَيَعُوقَ وَنَسۡرٗا

    Open ayah 71:23

    އަދި އެމީހުންގެ ބޮޑެތިމީހުން ބުނެއެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރާބުދުތައް ދޫނުކުރާށެވެ. وَدُّ އާއި سُوَاعُ އާއި يَغُوْثُ އާއި يَعُوْقُ އާއި އަދި نَسْرُ އާއި މިބުދުތައް ދޫނުކުރާށެވެ. މިތަކެއްޗަށް އަޅުކަންކުރާށެވެ. (މިނަންތަކަކީ އޭރު އެޤައުމުގައި އަޅުކަންވެވެމުންއައި ބޮޑެތި ބުދުތަކުގެނަންތަކެވެ. އަސްލުގައި އެއީ ފަސްމީހުންގެ ފަސްނަމެވެ. އެނަންތައް ބުދުގެނަންނަމަށް ބަދަލުވީގޮތް حَدِيْث ފޮތްފޮތުން ފެންނަން އެބަހުއްޓެވެ. އެއީދިގުބަޔާނަކަށްވާތީ އެވާހަކަ އެހެންފުރުސަތެއްގަ ދެންނެވުމަށްބާއްވަމެވެ.) (އެވާހަކަ އަހުރެންލިއުނު تَوْحِيْيد ފޮތް "دُرُوْس مِنَ التَّوْحِيْد" ގައިބަޔާންކޮށްފައި ވާނެއެވެ.)

  24. وَقَدۡ أَضَلُّواْ كَثِيرٗاۖ وَلَا تَزِدِ ٱلظَّٰلِمِينَ إِلَّا ضَلَٰلٗا

    Open ayah 71:24

    އަދިހަމަކަށަވަރުން އެޤައުމުގެ ބޮޑެތިކާފަރުން މަގުފުރެދިގެން ތިބެމެ ވަރަށްގިނަ އާދައިގެމީހުން މަގުފުރެއްދިއެވެ. އަދި އެއަނިޔާވެރި މުޝްރިކުންނަށް މަގުފުރެދުންނޫނީ އިތުރުނުވިއެވެ.

  25. مِّمَّا خَطِيٓـَٰٔتِهِمۡ أُغۡرِقُواْ فَأُدۡخِلُواْ نَارٗا فَلَمۡ يَجِدُواْ لَهُم مِّن دُونِ ٱللَّهِ أَنصَارٗا

    Open ayah 71:25

    އެމީހުންގެ ކުށްފާފަތަކުގެސަބަބުން طُوْفَانُ ގައި އެމީހުން މަރުވެގެން ދިޔައީއެވެ. ދެން އޭގެފަހުގައި އެމީހުން އަލިފާނަށް ވެއްދޭނެއެވެ. (ބުނެވެނީ އެއީ بَرْزَخ ގެ عَالَم ގައި قِيَامَة ވުމުގެ ކުރީން އެމީހުން ވެއްދެވޭ އަލިފާނެއްކަމުގައެވެ. އަދި قِيَامَة ދުވަހުން ގަދައަލިފާނަށް އެމީހުން ވެއްދެވޭނެއެވެ. މިގޮތުގެ މައްޗަށް ދަލީލުކުރާއާޔަތްތައް އެބަހުއްޓެވެ. وَالله أَعْلَم...) އަދި الله ފިޔަވައި އެހެން އެއްވެސް نَصْرُ ވެރިޔަކު، އަދި މަދަދުގާރަކު އެމީހުނަކަށް ނުފެނުނެވެ.

  26. وَقَالَ نُوحٞ رَّبِّ لَا تَذَرۡ عَلَى ٱلۡأَرۡضِ مِنَ ٱلۡكَٰفِرِينَ دَيَّارًا

    Open ayah 71:26

    އަދި نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ކާފަރުންގެ ތެރެއިން ގެއަކު ދިރި އުޅޭނެ އެކަކުވެސް ބިންމަތީގައި ނުބަހައްޓަވާންދޭވެ! އެބަހީ އެންމެހާ ކާފަރުން ހަލާކު ކުރައްވާ މަރުއްވާނދޭވެ!

  27. إِنَّكَ إِن تَذَرۡهُمۡ يُضِلُّواْ عِبَادَكَ وَلَا يَلِدُوٓاْ إِلَّا فَاجِرٗا كَفَّارٗا

    Open ayah 71:27

    (نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ!) އިބަރަސްކަލާނގެ އެކާފަރުންގެ މީހުން ބިންމަތީގައި އުޅުމަށް ދޫކުރައްވައިފިނަމަ އިބަރަސްކަލާނގެ މުއުމިނު އަޅުތަކުންގެ ވަރަށް ގިނަ ބަޔަކު އެމީހުން މަގުފުރައްދާ ޙައްޤު މަގުން ދުރުކުރާނެއެވެ. އަދި އެމީހުންގެ ތެރެއަށް ނުބައިނުލަފާ އަދި ކާފަރުކަން ގަދަ ކާފަރުން ނޫނީ ނުއުފެދޭނެއެވެ.

  28. رَّبِّ ٱغۡفِرۡ لِي وَلِوَٰلِدَيَّ وَلِمَن دَخَلَ بَيۡتِيَ مُؤۡمِنٗا وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۖ وَلَا تَزِدِ ٱلظَّٰلِمِينَ إِلَّا تَبَارَۢا

    Open ayah 71:28

    އޭ އަޅުގެ رب އެވެ! މިއަލާއަށާއި މިއަޅާގެ މައިންބަފައިންނަށާއި އަދި މިއަޅާގެ ގެއަށް - ނުވަތަ މިއަޅާގެ މިސްކިތަށް - އީމާން ވެގެންވާ ޙާލު ވަތް ކޮންމެ މުއުމިނަކަށާއި އަދި އެންމެހާ މުއުމިނު ފިރިހެނުންނަށާއި އަދި އެންމެހާ މުއުމިނު އަންހެނުންނަށް ވެސް ފާފަ ފުއްސަވާނދޭއެވެ! އަދި އަނިޔާވެރިންނަށް / مُشْرِكُ ންނަށް ގެއްލުމާއި ހަލާކުމެނުވީ އިތުރު ނުކުރައްވާދޭވެ.