الحشر

Al-Hashr

The Exile · Surah 59 · Ayahs: 24 · Medinan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

    Open ayah 59:1

    އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. އެކަލާނގެ ހުސް طَاهِر ވަންތަކޮށް، تَقْدِيس ކުރެއެވެ. އެކަލާނގެއީ އެކަލާނގެ އެދިވޮޑިގެންނެވި ކޮންމެ ކަމެއް ކުރެއްވުމަށް ހުރަހެއް އަޅާނޭ އެއްވެސް ފަރާތެއް ނުވާ ގަދަފަދަވަންތަ ކަލާނގެއެވެ. އަދި ކޮންމެ ކަމެއް އޭގެ ޖާގައިގައި ބަހައްޓަވާ حَكِيم ވަންތަ ކަލާނގެއެވެ.

  2. هُوَ ٱلَّذِيٓ أَخۡرَجَ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ مِن دِيَٰرِهِمۡ لِأَوَّلِ ٱلۡحَشۡرِۚ مَا ظَنَنتُمۡ أَن يَخۡرُجُواْۖ وَظَنُّوٓاْ أَنَّهُم مَّانِعَتُهُمۡ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنۡ حَيۡثُ لَمۡ يَحۡتَسِبُواْۖ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَۚ يُخۡرِبُونَ بُيُوتَهُم بِأَيۡدِيهِمۡ وَأَيۡدِي ٱلۡمُؤۡمِنِينَ فَٱعۡتَبِرُواْ يَٰٓأُوْلِي ٱلۡأَبۡصَٰرِ

    Open ayah 59:2

    أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި (بَنُو النَّضِير) ގެ މީހުން، އެމީހުންގެ ގޯތި-ގެދޮރުން ފުރަތަމަ مَحْشَر އަށް (خَيْبَر އަށް) ނެރުއްވީ ހަމަ އެކަލާނގެއެވެ. އޭ مُؤْمِن ންނޭވެ. އެމީހުންގެ ގޯތި-ގެދޮރުން އެމީހުން ނުކުންނާނޭ ކަމުގައި ތިޔަބައިމީހުން ހީވެސް ނުކުރަމުއެވެ. (އެއީ އެމީހުންގެ عِزّة ތެރިކަމާއި، ފޯރުންތެރިކަމާއި، ގޯތި-ގެދޮރުގެ ވަރުގަދަކަމުންނެވެ.) އަދި އެމީހުން ހީކުރީ ﷲ ގެ حَضْرَة ން އަތުވެދާނޭ ކޯފާއާއި، عَذَاب ން ސަލާމަތްވުމަށް އެމީހުންގެ ގޯތި-ގެދޮރު ފުދޭނޭ ކަމަށެވެ. ގޯތި-ގެދޮރު އެމީހުން ސަލާމަތް ކޮށްދޭނޭ ކަމަށެވެ. ފަހެ އެހެން ނަމަވެސް އެމީހުންނަށް ﷲ ގެ އަމުރުފުޅު އައީ އެމީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ﷲ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ދެންފަހެ އެމީހުންގެ ގޯތި-ގެދޮރުތައް އެމީހުންގެ އަތްތަކުންނާއި، އަދި مُؤْمِن ންގެ އަތްތަކުންވެސް ހަލާކު ކުރަމުން ގެންދިޔައީއެވެ. އޭ ބުއްދިވެރި، ބޯހުރި މީހުންނޭވެ. ކަލޭމެން ނިކަން عِبْرة حَاصِل ކުރާށެވެ.

  3. وَلَوۡلَآ أَن كَتَبَ ٱللَّهُ عَلَيۡهِمُ ٱلۡجَلَآءَ لَعَذَّبَهُمۡ فِي ٱلدُّنۡيَاۖ وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابُ ٱلنَّارِ

    Open ayah 59:3

    أزَلُ ގައި އެމީހުން مَدِينَة އިން އަރުވައިލުމުގެ ނިޔާފުޅު ﷲ ލިޔުއްވާފައި ނުވާނަމަ ދުނިޔޭގައިވެސް އެމީހުންނަށް اللَّه، عَذَاب ދެއްވައިފީހެވެ. އަދި آخِرَة ދުވަހުން އެމީހުންނަށް ހުރީ ނަރަކައިގެ عَذَاب އެވެ.

  4. ذَٰلِكَ بِأَنَّهُمۡ شَآقُّواْ ٱللَّهَ وَرَسُولَهُۥۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ

    Open ayah 59:4

    ދުނިޔެއާއި، آخِرَة ގައި އެމީހުންނަށް އެކަން ކަނޑައެޅި ނިމުނީ ހަމަކަށަވަރުން ﷲ އަށާއި، އެކަލާނގެ رَسُول އާ އާ ދެފަރާތަށް އެމީހުން ނުކިޔަމަންތެރިވެ، خِلاف ވުމުގެ ސަބަބުންނެވެ. އަދި ﷲ އާ خِلاف ވެ، ދެކޮޅުވެރިވާ މީހާ ދަންނައެވެ. (ހަމަކަށަވަރުން ﷲ އެމީހަކަށް ބޮޑުވެގެންވާ عُقُوبَة ދެއްވައެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ عُقُوبَة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. ދަންނައެވެ. އިސްވެދިޔަ ހަތަރު آيَة ގައި އިޝާރާތްވެގެން އެ ވަނީ رَسُولُ الله ﷺ ގެ ޒަމާނުގައި مَدِينَة ވަޒަންވެރިވެގެން ތިބި يَهُودِي ންގެ بَنُو النَّضِير قَبِيلَة ގެ މީހުންގެ ވާހަކައަށެވެ. އެކަން ވީގޮތެއް ކަމުގައި تَفْسِير عِلْم ވެރީން ލިޔުއްވާފައި ވަނީ އަންނަނިވި ފަދައިންނެވެ. رَسُولُ الله އާއި، ބައެއް أصْحاب ން (މަރުގެ ދިޔައެއްގެ މައްސަލައެއް ހަމަޖެއްސުމަށް ޓަކައި) بَنُو النَّضِير ގެ قَبِيلَة އަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގަތުމުން އެ قَبِيلَة ގެ މީހުން އެކަލޭގެފާނާއި، أصحاب ން ރަނގަޅަށް ބައިތިއްބާފައި އަދި އެކަލޭގެފާނުގެ ކަންތައް ރަނގަޅަށް ހަމަޖައްސާނޭ ކަމުގައި ދަންނަވާފައި އެކި މީހުން އެކި ދިމާއަށް ދިޔައީއެވެ. ދެންފަހެ އެމީހުން ސައްލާކޮށްފައި ނިންމީ رَسُولُ ﷲ ގެ އިސްތަށިފުޅުގެ މައްޗަށް ބޮޑު ހިލައެއް ވައްޓައިލައި، އެކަލޭގެފާނު އަވަހާރަ ކޮށްލާށެވެ. އެކަލޭގެފާނު އިންނެވީ ގެއެއްގެ ފާރެއްގެ ހިޔަލުގައި އިށީނދެވަޑައިގެންނެވެ. ދެން އެބައިމީހުން ގެމައްޗަށް އަރައި، ހިލަ ވައްޓައިލުމުގެ حَرَكاة ހަމަ ހިންގުމުން އެކަލޭގެފާނަށް އެކަން ﷲ އަންގަވައިފިއެވެ. ދެންފަހެ، އެކަލޭގެފާނު އަވަހަށް އެތަނުން ތެދުވެވަޑައިގެން مَدِينَة އަށް ވަޑައިގަތީއެވެ. އެހައިތަނުން رَسُولُ اللَّهِ ﷺ އާއި، އެމީހުންނާ ވެވިފައިވާ عَهْد އެމީހުން އުވައިލީއެވެ. އަދި އެމީހުންނާ ހަނގުރާމައަށް ދިޔުމުގެ أمر ފުޅު ނުކުމެއްޖެއެވެ. ދެންފަހެ އެކަލޭގެފާނާއި، أصْحاب ބޭކަލުން ވަޑައިގެން އެމީހުންގެ ގޯތި-ގެދޮރު حَصار ކުރައްވައި، ވަށައިލައްވައިފިއެވެ. އެންމެފަހުން ދެފަރާތުން ވާހަކަދެކެވިގެން ނިމުނީ އެމީހުން ނުމަރައި، އެކީއެކަށް އެމީހުން مَدِينَة އިން ނުކުތުމަށެވެ. ނުކުމެގެން ދާއިރު ކޮންމެ މީހަކުވެސް جَمَل އެއް ބަރުކޮށް ގެންދެވޭ ތަކެތި ގެންދިއުމަށެވެ. ދެން ހުރިހާ މުދާ ބެހެއްޓުމަށެވެ. އެއީ ﷲ ގެ أمر ފުޅު އައި ގޮތެވެ. އެހެންމީހަކު ކުރިކަމެއްނޫނެވެ. މީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ދެން އެމީހުން ނުކުމެގެން ދިޔައީ އެއްބަޔަކު خَيْبَر އަށެވެ. އަނެއް ބަޔަކު شام ކަރައަށެވެ. އެމީހުން ދަމުން ގެދޮރުގައި ހުރި ތަކެތީގެ ތެރެއިން އެމީހުންނަށް ގެންދާން ފެނުނު އެއްޗެއް ގެންދިޔައީއެވެ. ގެދޮރުގެ ތަންތަން ހަލާކުކޮށްގެންވެސް ގެންދިޔަ ކަމުގައި ވެއެވެ. އަނެއް ކޮޅުން އެތަން ހިފާންވެގެން مُؤْمِن ން ބައެއް ގަސްވެސް ކަނޑައި، ކަދުރު ރުއް ކަނޑައި ހެދިކަމަށް ވެއެވެ. އަދި ގޯތި-ގެދޮރުންވެސް ބައެއްވަރު ހަލާކު ކުރި ކަމުގައި ވެއެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި قُرْآن ގައި "يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ" يَعْنِي އެމީހުންގެ އަތްތަކުންނާއި، مُؤْمِن ންގެ އަތްތަކުން އެމީހުންގެ ގެތައް ހަލާކު ކުރަނީއެވެ. މިފަދައިން އެންގެވިއެވެ. ދެން މި حَادِثَة އާ ބެހޭ އަނެއް ބައި އަންނަނިވި آيَة ތަކުގައި بَيان ވެގެން އެ އަންނަނީއެވެ.

  5. مَا قَطَعۡتُم مِّن لِّينَةٍ أَوۡ تَرَكۡتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذۡنِ ٱللَّهِ وَلِيُخۡزِيَ ٱلۡفَٰسِقِينَ

    Open ayah 59:5

    މޮޅު ކަދުރުގެ ތެރެއިން ތިޔަބައިމީހުން ކެނޑިނަމަ ކެނޑި ރުކެއް ވިޔަސް، ނުވަތަ ނުކަނޑައި އޭގެ ބުޑުގެ މަތީގައި ދޫކުރި ރުކެއްވިޔަސް، އެ ހުރިހައި ކަމަކީ ވެސް ހަމަ ﷲ ގެ إذْن ފުޅަށް ހިނގައިދިޔަ ކަންކަމެވެ. އަދި فاسِق ވެ، ނުބައިވި بَنُو النَّضِير ގެ މީހުންނާއި، ދެންވެސް އެފަދަ فاسِق ން ދެރަކޮށް ނިކަމެތިކުރުމަށް ޓަކައި ﷲ ނިޔާކުރެއްވި ގޮތެވެ.

  6. وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡهُمۡ فَمَآ أَوۡجَفۡتُمۡ عَلَيۡهِ مِنۡ خَيۡلٖ وَلَا رِكَابٖ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

    Open ayah 59:6

    އަދި އެމީހުންގެ ކިބައިން، އެބަހީ بَنُو النَّضِير ޔަހޫދީންގެ އަތުން ﷲ އެކަލާނގެ رَسُول އާއަށް ރައްދުކޮށްދެއްވި މުދައު ދަންނައެވެ. އެ މުދާ ހޯދުމަށް ތިޔަބައިމީހުން مُؤْمِن ން އަހަކަށް ސަވާރުވެ، އަދި جَمَل އެއްގެ މައްޗަށް ސަވާރުވެ އަވަސްވެ ނުގަންނަމުއެވެ. އެބަހީ ގަދަ ހަނގުރާމަ ނުކުރަމުއެވެ. އަދި އެހެން ނަމަވެސް ﷲ އެދިވޮޑިގެންނެވި ބައެއްގެ މައްޗަށް އެކަލާނގެ رَسُول ބޭކަލުން ފޮނުއްވައި، ގަދަކުރައްވައެވެ. ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. ދަންނައެވެ. بَنُو النَّضِير ޔަހޫދީންގެ އަތުން رَسُولُ اللَّهِ ﷺ އަށް ﷲ مِلْك ކޮށްދެއްވި މުދަލަކީ އެހެނިހެން ހަނގުރާމައިގައި غَنِيْمَة މުދާ ލިބޭގޮތަށް ލިބުނު މުދަލެއް ނޫނެވެ. مُؤْمِن ންގެ އެއްވެސް މީހަކު އަސްމައްޗަށް ސަވާރުވެ، ގަދަ ހަނގުރާމަކޮށްގެން ހޯދި މުދަލެއް ނޫނެވެ. ދެފަރާތުގައި ވާހަކަދެކެވުނު ގޮތުން، އެމީހުން ބަހައްޓާފައި ދިޔަ މުދަލެކެވެ. އެހެންވެ އެ މުދަލަކީ ހަނގުރާމަ ނުކޮށް مُشْرِك ންގެ އަތުން އަތުވި މުދަލެކެވެ. އެފަދަ މުދަލަށް ކިޔަނީ فَيْءُ މުދަލެވެ. އެފަދަ މުދާ ބަހާންވީ ގޮތް ދެން މިއަންނަ އާޔަތުގައި تَفْصِيل ކޮށް އެ ވަނީއެވެ.

  7. مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡ أَهۡلِ ٱلۡقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِ كَيۡ لَا يَكُونَ دُولَةَۢ بَيۡنَ ٱلۡأَغۡنِيَآءِ مِنكُمۡۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ

    Open ayah 59:7

    ހަނގުރާމަ ނުކޮށް، فَتْح ކުރެވޭ ރަށްރަށުން ﷲ އެކަލާނގެ رَسُول އަށް ރައްދުކޮށްދެއްވާ މުދާ ހުންނާނީ - ﷲ އަށާއި، - އެކަލާނގެ رَسُول އާއަށާއި، - رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުން (بَنُو هاشِم އާއި، بَنُوالمُطَّلِب ން) ނަށާއި، - يَتِيم ންނަށާއި، - مِسْكِين ންނަށާއި، - ދަތުރުވެރީންނަށާއި އެވެ. އެހެން އެކަން ﷲ ނިޔާކުރެއްވީ ތިޔަބައިމީހުންކުރެ މުއްސަނދީންގެ އަތްމަތީގައި އެ މުދާ ނުދެމެހެއްޓުމަށެވެ. ފަހެ ތިޔަބައިމީހުންނަށް رَسُول އާ ދެއްވި އެއްޗެއްގައި (އަދި އެކަލޭގެފާނު ކުރެއްވި أمْر ފުޅެއްގައި) ތިޔަބައިމީހުން ހިފާށެވެ. އަދި އެ އެއްޗަކުން ނުވަތަ އެކަމަކުން ތިޔަބައިމީހުންނަށް އެކަލޭގެފާނު މަނާކުރެއްވި ކޮންމެ އެއްޗަކުން ވިޔަސް، އަދި ކަމަކުން ވިޔަސް ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ عُقُوبَة ގަދަފަދަވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ.

  8. لِلۡفُقَرَآءِ ٱلۡمُهَٰجِرِينَ ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِمۡ وَأَمۡوَٰلِهِمۡ يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ

    Open ayah 59:8

    فَيْءُ މުދާ އެއީ فَقِير مُهاجِريّ ބޭކަލުންނަށެވެ. (މި އާޔަތުގައި އެވަނީ ކުރީގެ آيَة އަށް تَأْكِيد ކޮށްދެއްވާފައެވެ. فَقِير مُهاجِريّ ބޭކަލުންގެ މުރާދަކީ رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުންނެވެ. އެއީ ކުރީގެ އާޔަތުގައި އެވާ ذَوِى الْقُرْبَى ގެ މުރާދެވެ.) އެބައިމީހުންނަކީ އެބައިމީހުންގެ ގޮވަތި ގެދޮރާއި، މުދަލުން ނެރެވުނު މީހުންނެވެ. އެއީ ކާފަރުންގެ އުނދަގުލާހެދި مَكّة އިން ގޯތިގެދޮރާއި، މުދާ ދޫކޮށް هِجْرَة އަށް އައި މީހުންނެވެ. އެއީ ﷲ ގެ ރުއްސެވުން އެދިގެންނާއި، އަދި ﷲ އަށާއި، (ﷲ ގެ دِين އަށާއި) އެކަލާނގެ رَسُول އާއަށް نَصْر ދިނުމަށް ޓަކައެވެ. ހަމަކަށަވަރުން އެމީހުންނީ ތެދުވެރީންނެވެ. (މި އާޔަތުގައި މިވަނީ مُهاجِرِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ. ދެން މިއަންނަ އާޔަތުގައި އެވަނީ أنْصارِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ.)

  9. وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلۡإِيمَٰنَ مِن قَبۡلِهِمۡ يُحِبُّونَ مَنۡ هَاجَرَ إِلَيۡهِمۡ وَلَا يَجِدُونَ فِي صُدُورِهِمۡ حَاجَةٗ مِّمَّآ أُوتُواْ وَيُؤۡثِرُونَ عَلَىٰٓ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةٞۚ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ

    Open ayah 59:9

    އަދި ތިމާމެންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުން ވަޑައިގަތުމުގެ ކުރީން އީމާންވެ ވަޑައިގެން ތިމާމެންގެ ގޯތިގެދޮރު ތައްޔާރުކޮށްދެއްވައި ހަމަޖައްސައިދެއްވި أنْصارِيّ ބޭކަލުން (ދަންނައެވެ.) އެ ބޭކަލުންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުންނަށް ލޯބިކުރައްވައެވެ. އަދި مُهاجِرِيّ ބޭކަލުންނަށް ދެއްވުނު فَيْءُ މުދަލާމެދު އެއްވެސް ރުޅިވެރިކަމެއް، حَسَد ވެރިކަމެއް އެ ބޭކަލުންގެ ހިތްޕުޅުތަކުގައި ނުވެއެވެ. އަދި ކަމަކާމެދު ނުވަތަ އެއްޗަކާމެދު ތިމާމެންގެ نَفْس ތައް ކިތަންމެ ބޭނުމެއް ވެފައި ވިޔަސް އެބޭކަލުން އެހެން ބޭކަލުންގެ ބޭނުންތައް އިސްކުރައްވައެވެ. مُهاجِرِيّ ބޭކަލުންނަށް އިސްކަން ދެއްވައެވެ. ތިމާމެންގެ نَفْس ތައް ފަސްކުރައްވައެވެ. އަދި އެމީހާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހުންނީ كامِياب ވެ، نَصِيب ވެރިވެއްޖެ މީހުންނެވެ. (މި އާޔަތުގައި މި ވަނީ أنْصارِيّ ބޭކަލުންނަށް تَعْرِيف އާއި، ثَناء وَحِي ކުރައްވާފައެވެ. އެބޭކަލުންނީ ތިމާމެންގެ މުދަލާއި، އަނބީންވެސް ބައިކުރައްވާފައި مُهاجِرِيّ ބޭކަލުންނަށް ދެއްވި ބޭކަލުންނެވެ.) ދެން މި އަންނަ އާޔަތުގައި މިވަނީ أنْصارِيّ ބޭކަލުންނަށްފަހު ދެން މި أُمَّة އަށް އަންނާނޭ ހެޔޮލަފާ މީހުންނަށް تَعْرِيف އާއި، ثَناء އެވެ. އެމީހުންގެ ބައެއް ސިފައެވެ.

  10. وَٱلَّذِينَ جَآءُو مِنۢ بَعۡدِهِمۡ يَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلۡإِيمَٰنِ وَلَا تَجۡعَلۡ فِي قُلُوبِنَا غِلّٗا لِّلَّذِينَ ءَامَنُواْ رَبَّنَآ إِنَّكَ رَءُوفٞ رَّحِيمٌ 

    Open ayah 59:10

    އަދި އެ ބޭކަލުންގެ ފަހުން (އެބަހީ مُهاجِريّ ންނާއި، أنْصارِيّ ބޭކަލުންގެ ފަހުން) ދެން އައި މީހުން (ދަންނައެވެ.) އެމީހުން ﷲ އަށް ދަންނަވައެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނާއި، އަދި إيْمان ކަމުގައި އިސްވެގަތް އަޅަމެންގެ أخ ންނަށް ފާފަ ފުއްސަވާނދޭވެ! އަދި إيْمان ވި މީސްތަކުންނާމެދު އަޅަމެންގެ ހިތްތަކުގައި އެއްވެސް حَسَد ވެރިމެއް، ރުޅިވެރިކަމެއް ނުލައްވާނދޭވެ! އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ އޯގާވަންތަކަން ނުހަނު ބޮޑުވެގެންވާ، ގިނަގިނައިން رَحْمَة ލައްވާ ރަސްކަލާނގެއެވެ.

  11. ۞أَلَمۡ تَرَ إِلَى ٱلَّذِينَ نَافَقُواْ يَقُولُونَ لِإِخۡوَٰنِهِمُ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ لَئِنۡ أُخۡرِجۡتُمۡ لَنَخۡرُجَنَّ مَعَكُمۡ وَلَا نُطِيعُ فِيكُمۡ أَحَدًا أَبَدٗا وَإِن قُوتِلۡتُمۡ لَنَنصُرَنَّكُمۡ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ

    Open ayah 59:11

    (އޭ މާތްވެގެންވާ رَسُول އާއެވެ.) مُنافِق ވެގެން މި އުޅޭ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުންނަށް ނިކަން ބައްލަވާށެވެ. أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި، އެމީހުންގެ أخ ންނަށް އެމީހުން ބުނެއެވެ. "ކަލޭމެން ރަށުން ނެރެވިއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނާއެކު އަހުރެމެން ނުކުންނަ ހުށީމެވެ. އަދި ކަލޭމެންގެ نِسْبَة ގައި އެއްވެސް ބަޔަކަށް އަހުރެމެން ދުވަހަކުވެސް ކިޔަމަން ނުވާހުށީމެވެ. އަދި ކަލޭމެންނާ ހަނގުރާމަ ވެވެންޏާ ހަމަކަށަވަރުން އަހުރެމެން ކަލޭމެންނަށް نَصْر ދޭހުށީމެވެ." (މިއީ އެމީހުން ބުނި ބަސްތަކެވެ. މި ބަސްތައް އެއީ ދޮގެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެކަލާނގެ وَحِي ކުރައްވާފައި އެވަނީ) ހަމަކަށަވަރުން އެމީހުން އެ ބުނާ ބަސްތަކުގައި އެމީހުންނަކީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ.

  12. لَئِنۡ أُخۡرِجُواْ لَا يَخۡرُجُونَ مَعَهُمۡ وَلَئِن قُوتِلُواْ لَا يَنصُرُونَهُمۡ وَلَئِن نَّصَرُوهُمۡ لَيُوَلُّنَّ ٱلۡأَدۡبَٰرَ ثُمَّ لَا يُنصَرُونَ

    Open ayah 59:12

    އެމީހުން (يَعْنِى يَهُودِى ންގެ بَنُوالنَّضِير ވަންހައިގެ މީހުން مَدِينَة އިން) ނެރެވުނަސް، މި مُنافِق ންގެ މީހުން އެމީހުންނާއެކު ނުނުކުންނާނެއެވެ. އަދި އެމީހުންނާ ހަނގުރާމަ ވެވުނަސް، މި މުނާފިގުން އެމީހުންނަށް نَصْر ދީ އެހީ ނުވާނެއެވެ. އަދި ފަހަރެއްގައި އެމީހުންނަށް نَصْر ލިބޭ ގޮތް ދިމާވާނޭ ނަމަވެސް مَيْدَان ދޫކޮށް، މި مُنافِق ން ފުރަގަސްދީ ފިލާނެއެވެ. ދެން އޭގެ ސަބަބުން އެމީހުންނަށް نَصْر ނުލިބޭނެއެވެ. ނޯޓް: މި އާޔަތްތަކުގައި إشارَة ވެގެން މިދަނީ بَنُوالنَّضِير ވަންހައިގެ يَهُودِى ންނާއި رَسُولُ اللَّهِ z އާއި، ދެމެދު އޮތް عَهْد نامَة އުވައިލި ހިނދުން އެ قَبِيلَة ގެ މީހުން مَدِينَة އިން ނެރެލުމުގެ މައްޗަށް ދެފަރާތުގެ ނިޔާ ނުކުތުމުން مَدِينَة ގައި ތިބި މުނާފިގުންގެ މީހުން (عَبْدُاللهِ ابنُ أُبَيُّ އާއި، އޭނާގެ އެކުވެރީން) މި ބުނި بَنُوالنَّضِير يَهُودِى ންނަށް رَسُولُ اللَّهِ b އާއި އިދިކޮޅަށް ހިތްވަރުދީ، އަދި مَدِينَة އިން ނުނުކުތުމުގެ މައްޗަށް ބާރުއަޅައި ހެދި ހެދުމުގެ މައްޗަށެވެ. މި مُنافِق ން بَنُوالنَّضِير ވަންހައިގެ މީހުންނަށް يَقِين ކޮށްދޭން އުޅުނީ مَدِينَة އިން އެމީހުން ނުކުންނަން ޖެހިއްޖެ ހިނދެއްގައި ތިމާމެންވެސް އެމީހުންނާއެކު ނިކުންނާނޭ ކަމަށެވެ. އަދި مُحَمَّد ގެފާނާއި، އެކަލޭގެފާނުގެ أصْحاب ން ހަނގުރާމަ ކުރާނަމަ ތިމާމެންވެސް ކަލޭމެންނާ އެކުވެގެން مُحَمَّد ގެފާނާ އިދިކޮޅަށް ހަނގުރާމަ ކުރާނޭ ކަމަށެވެ. އެކަމަކު އެ ހުރިހައި ވާހަކައަކީ ހަމަ ސީދާ ރޯދޮގުކަން اللَّه ހާމަކޮށްދެއްވީ އެވެ.

  13. لَأَنتُمۡ أَشَدُّ رَهۡبَةٗ فِي صُدُورِهِم مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ

    Open ayah 59:13

    (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންގެ ހިތްތަކުގައި ކަލޭމެންގެ މައްޗަށް އޮންނަ ބިރު ﷲ ގެ މައްޗަށް އެމީހުންގައި އޮންނަ ބިރަށްވުރެވެސް މާ ބޮޑެވެ. އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ އެއްޗެއް ނުވިސްނޭ ބަޔަކު ކަމުގައި ވީތީއެވެ. ދަންނައެވެ. مُنَافِقُ ންގެ ހިތުގައި ﷲ ގެ މައްޗަށް އޮންނަ ބިރަށްވުރެ رَسُول އާ އަށާއި، مُؤْمِن ތަކުންނަށް އޮންނަ ބިރު ގަދަވެގެން ވަނީ ﷲ ގެ ކޯފާއާއި، عَذَاب ލަސްކުރައްވާފައި ވުމާއި، مُؤْمِن ންގެ ފަރާތުން އަންނަ عَذَاب އާއި، ނުރައްކާ، ކުއްލިވެފައި އަވަސްވާތީއެވެ. އެކަމަކު އެއީ اللَّهގެ أمْر ފުޅަށް مُؤْمِن ން ހިންގަމުން ގެންދާ ކަންތައް ކަމެއް އެމީހުންނަކަށް ނުވިސްނެއެވެ.

  14. لَا يُقَٰتِلُونَكُمۡ جَمِيعًا إِلَّا فِي قُرٗى مُّحَصَّنَةٍ أَوۡ مِن وَرَآءِ جُدُرِۭۚ بَأۡسُهُم بَيۡنَهُمۡ شَدِيدٞۚ تَحۡسَبُهُمۡ جَمِيعٗا وَقُلُوبُهُمۡ شَتَّىٰۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡقِلُونَ

    Open ayah 59:14

    (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންނާއި، يَهُودِي ން އެކުއެކުގައި ފައުޅުގައި ތިބެގެން ކަލޭމެންނާ ހަނގުރާމަ ނުކުރާނެއެވެ. އެމީހުން ހަނގުރާމަ ކުރިޔަސް ކުރާނީ ރައްކާތެރިވެގެންވާ ކޯއްޓޭތަކެއްގައި ފިލައި ތިބެގެންނެވެ. ނުވަތަ ބިތްތަކެއްގެ ނިވަލުގައި ތިބެގެންނެވެ. އެމީހުން އެކަކު އަނެކަކަށް ދެކޮޅުވެރިކަމާއި، ރުޅިވެރިކަން ނުހަނު ގަދަވެގެން ވެއެވެ. ކަލޭމެން ހީކުރަނީ އެމީހުން ނިކަން އެއްބައިވެފައި އެކަތިގަނޑުކަމަށް ތާއެވެ؟! އެކަމަކު އެމީހުންގެ ހިތްތައް ވަނީ ބައިބައިވެ، إخْتِلاف ވެގެންނެވެ. އެކަން އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ ނުވިސްނޭ، ބުއްދި ނުކުރެވޭ ބަޔަކު ކަމުގައި ވީތީއެވެ.

  15. كَمَثَلِ ٱلَّذِينَ مِن قَبۡلِهِمۡ قَرِيبٗاۖ ذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ

    Open ayah 59:15

    މިމީހުންގެ މިސާލަކީ ދާދި ގާތް ماضِي އެއްގައި މިމީހުންގެ ކުރީން ވޭތިވެދިޔަ މީހުންގެ މިސާލެވެ. ފަހެ އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. އަދި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ. ދަންނައެވެ. މި އާޔަތުގައި މި އިޝާރާތްވާ ބަޔަކީ مَكَّة ގެ مُشْرِك ންނެވެ. بَدْر ހަނގުރާމައިގައި ބައިވެރިވި ކާފަރުންގެ ވާހަކައެވެ. އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. بَدْر ހަނގުރާމަ ހިނގައި ދިޔައީ بَنُو النَّضِير މީހުންގެ މި ކަންތައްގަނޑުގެ މަސްދުވަސް ކުރީންނެވެ. بَدْر ގައި مَكَّة ގެ مُشْرِك ން އެމީހުން ކުރި ކަންތަކުގެ ބޮނޑި ބުއީއެވެ. މިމީހުންވެސް އެމީހުންގެ ކަންތަކުގެ ބޮނޑި ބުއީއެވެ. وَاللَّهُ أعْلَمُ.

  16. كَمَثَلِ ٱلشَّيۡطَٰنِ إِذۡ قَالَ لِلۡإِنسَٰنِ ٱكۡفُرۡ فَلَمَّا كَفَرَ قَالَ إِنِّي بَرِيٓءٞ مِّنكَ إِنِّيٓ أَخَافُ ٱللَّهَ رَبَّ ٱلۡعَٰلَمِينَ

    Open ayah 59:16

    އެމީހުންގެ (يَعْنِي މުނާފިގުންނާއި، يَهُودِي ންގެ) މިސާލަކީ ސައިތާނާގެ މިސާލެވެ. އެ ސައިތާނުވެސް އިންސާނުން ގާތު ކާފަރުވާށޭ ބުނާނެއެވެ. އަދި ކާފަރުވާނޭ ވަސްވާސްވެސް ލައި ހަދާފައި އެ އިންސާނާ ކާފަރު ހަމަ ވުމުން ސައިތާނާ އެ އިންސާނާއާ ދިމާއަށް ބުނާނެއެވެ. "އަހުރެން ކަލޭގެ ކިބައިން ދުރުވެ، ބަރީއަވެގެންފީމެވެ. عالَم ތަކުގެ ވެރި رَبّ އަށް އަހުރެން ބިރުގަންނަމެވެ."

  17. فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِي ٱلنَّارِ خَٰلِدَيۡنِ فِيهَاۚ وَذَٰلِكَ جَزَٰٓؤُاْ ٱلظَّٰلِمِينَ

    Open ayah 59:17

    ފަހެ އެ ދެމީހުންގެ آخِر ގެ ނިމުމަކީ ނަރަކައެވެ. ދެމީހުންވެސް އެތާ ދެމިތިބޭ حال ގައެވެ. އަދި އަނިޔާވެރީންގެ جَزاء އަކީ އެއީއެވެ. ދަންނައެވެ. މުނާފިގުންވެސް يَهُودِي ންނަށް އެ ހުރިހައި ހިތްވަރެއް ދީފައި އެމީހުން مَدِينَة އިން ނުކުމެގެން ދިޔައިރު އެމީހުންނާއެކު ދިޔައީއެއްވެސް ނޫނެވެ. އަދި އެއްވެސް نَصْر އެއްވެސް ދިނީއެއް ނޫނެވެ. ސައިތާނުވެސް އިންސާނާއާ މެދު ކަންކުރީ ހަމަ އެހެންނެވެ.

  18. يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَلۡتَنظُرۡ نَفۡسٞ مَّا قَدَّمَتۡ لِغَدٖۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ

    Open ayah 59:18

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! تَقْوَى ވެރި ވާށެވެ! އަދި ކޮންމެ نَفْس އެއްވެސް މާދަމާ، قِيامَة ދުވަހަށް ޓަކައި ރައްކާކުރީ ކޮން عَمَل އެއްތޯ ބަލައި تَحْقِيق ކުރާހުށި ކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ހުރިހައި ކަމެއްގެ خَبَر ﷲ ދެނެވޮޑިގެން ވެއެވެ.

  19. وَلَا تَكُونُواْ كَٱلَّذِينَ نَسُواْ ٱللَّهَ فَأَنسَىٰهُمۡ أَنفُسَهُمۡۚ أُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ

    Open ayah 59:19

    އަދި އެބައިމީހުން ﷲ ހަނދާން ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާހުށި ކަމެވެ. ފަހެ އޭގެ ސަބަބުން ﷲ އެމީހުން އެމީހުންގެ نَفْس ތަކުގެ މަތީން ހަނދާންނެތި ކުރުވައިފިއެވެ. ހެޔޮކަމުގެ މަތީން އެމީހުންގެ نَفْس ތައް މުޅީން ހަނދާންނެތި ކުރުވީއެވެ. އެއީ ހަމަ ކަނޑައެޅިގެން فاسِق ންނެވެ.

  20. لَا يَسۡتَوِيٓ أَصۡحَٰبُ ٱلنَّارِ وَأَصۡحَٰبُ ٱلۡجَنَّةِۚ أَصۡحَٰبُ ٱلۡجَنَّةِ هُمُ ٱلۡفَآئِزُونَ 

    Open ayah 59:20

    ނަރަކައިގެ އެކުވެރީންނާއި، ސުވަރުގޭގެ އެކުވެރީން ހަމަހަމަވެގެން ނުވެއެވެ. ނުވެސް ވާނެއެވެ. ސުވަރުގޭގެ އެކުވެރީންނީ ކަނޑައެޅިގެން ނަސީބުވެރީންނެވެ. (ނަރަކައިގެ އެކުވެރީންނީ އަބާއްޖަވެރީންނެވެ.)

  21. لَوۡ أَنزَلۡنَا هَٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلٖ لَّرَأَيۡتَهُۥ خَٰشِعٗا مُّتَصَدِّعٗا مِّنۡ خَشۡيَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِ لَعَلَّهُمۡ يَتَفَكَّرُونَ

    Open ayah 59:21

    ފަރުބަދައެއްގެ މައްޗަށް ތިމަން ރަސްކަލާނގެ މި قُرْآن ބާވައިލެއްވިނަމަ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ހަލާކުވެގެން ވަނިކޮށެވެ. އަދި މީސްތަކުންނަށް ތިމަން ރަސްކަލާނގެ އެފަދަ މިސާލުތައް ޖައްސަވަނީ އެބައިމީހުން فِكْر ކޮށް، ﷲ ގެ قُدْرَة ތެރިކަމާމެދު ވިސްނައިހެދުމަށް ޓަކައެވެ. ދަންނައެވެ. (قُرْآن ގެ ބޮޑުކަމާއި، މާތްކަމާއި، لَفْظ ތަކުގެ ރަނގަޅުކަމާއި، އަދި އެ އެތުރިފައިވާލެއް ވަރުގަދަކަމާއި، بَلاغَة ގެ ފުރިހަމަކަމާއި، އަދި ހިތްތައް މަޑުވެ، މައިތިރިވާ ފަދަ وَعْظ އާއި، نَصِيحَة ގެ މައްޗަށް އެކުލެވިފައި ވުމާއި، މިކަންކަން އެކުލެވިގެންވާ މާތް قُرْآن ބިމުގައި ރަނގަޅަށް ހަރުލައި، ފެތުރިފައިވާ ވަރުގަދަ، ގަދަފަދަ، ހަރު، ބޮޑެތި ފަރުބަދަތަކުގެ ތެރެއިން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަވެސް، ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ބުރައިގެން ހިނގައްޖައީހެވެ. އޭގައިވާ عَذَاب ގެ ބަސްފުޅުތަކުގެ ވަރުގަދަކަމާއި، قُرْآن ގެ މާތްކަމާއި، ބޮޑުކަމަށް ބަލާއިރު އެއަށް އަދާކުރާން واجِب ވާ حَقّ إحْتِرام އާއި، تَعْظِيم އަދާ ނުކުރެވިދާނޭކަމަށް ބިރުންނެވެ. އެކަމަކު މިހިރަ ދެރަ ضَعِيف ނިކަމެތި އިންސާނާގެ ހަށިގަނޑުގައި ވާ މުށަށް ލެވޭވަރުގެ ގުނަވަން - އޭނާގެ ހިތް قُرْآن -ން އޭގެ އެއްވެސް އަސަރެއް ނުކުރާ ކަމީ ކުޑަ عَجائِب އެއް ނޫނެވެ.) މި آيَة ން رَسُولُ ﷲ ގެ شَخْصِيَّة ގެ ثابِت ކަމާއި، އެކަލޭގެފާނުގެ جَلَال ގެ މަތިވެރިކަން ވަރަށް ފުރިހަމަ ގޮތެއްގައި ސާބިތުވެއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ބާރުގަދަ قُرْآن تَحَمَّل ކޮށްދެއްވި މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ!

  22. هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۖ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۖ هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ

    Open ayah 59:22

    ﷲ އީ އެކަލާނގެ ފިޔަވައި އެހެން އެއްވެސް حَقّ إله އަކު ނުވާ އެއްކައުވަންތަ ﷲ އެވެ. ސިއްރާއި، ފައުޅު ދެނެވޮޑިގެންވާ، رَحْمٰن ވަންތަ، رَحِيم ވަންތަ ކަލާނގެއެވެ.

  23. هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَٰمُ ٱلۡمُؤۡمِنُ ٱلۡمُهَيۡمِنُ ٱلۡعَزِيزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ

    Open ayah 59:23

    ﷲ އީ އެކަލާނގެ ފިޔަވައި حَقّ އެހެން އެއްވެސް إله އަކު ނުވާ، ހުރިހައި ކަމެއްގެ ވެރި، އަދި ހުރިހައި عَيْب އަކުން ހުސް طَاهِر ވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. އެންމެހައި އުނި ކަމަކުން ސަލާމަތް ވެގެންވާ ކަލާނގެއެވެ. مُعْجِزَة އާއި، حُجَّة އާއި بُرْهان ން އެކަލާނގެ رَسُول ން ތެދުކުރައްވާ ކަލާނގެއެވެ. އަޅުތަކުންގެ عَمَل ތަކުގެ މައްޗަށް އަބަދާއި، އަބަދު ބައްލަވާވޮޑިގެންވާ ގަދަފަދަވަންތަ، އަދި އެހެނިހެން ފަރާތްތަކުން ބަދަލު ހިއްޕެވުންވެސް ގަދަފަދަވަންތަ، جَبّار ވަންތަ ކަލާނގެއެވެ. އަދި އެއީ އެންމެހައި އަޅުތަކުންގެ މައްޗަށް كِبْرِياء ވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. مُشْرِك ން ކުރާ شِرْك ތަކުން އެކަލާނގެ ހުސް طَاهِر ވަންތަވެ ވޮޑިގެން ވެއެވެ.

  24. هُوَ ٱللَّهُ ٱلۡخَٰلِقُ ٱلۡبَارِئُ ٱلۡمُصَوِّرُۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰۚ يُسَبِّحُ لَهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

    Open ayah 59:24

    ﷲ އީ އެދިވޮޑިގަންނަވާ ގޮތަކަށް ތަކެތި މިންވަރުކުރައްވާ، އަދި އަލަށް ތަކެތި إيجاد ކުރައްވާ ކަލާނގެއެވެ. އަދި ތަފާތު صُورَة ތަކާއި، ސިފަތަކުގައި ތަކެތި ސޫރަކުރައްވާ ކަލާނގެއެވެ. އެންމެހައި ރީތި، ރަނގަޅު ނަންފުޅުތައް ވަނީ އެކަލާނގެއަށެވެ. އުޑުތަކާއި، ބިމުގައި ވާހައި ތަކެތި އެކަލާނގެއަށް تَسْبِيح ކިޔައެވެ. އެކަލާނގެއީ عِزّة ވަންތަ، حِكْمَة ވަންތަ ކަލާނގެއެވެ.