البلد
Al-Balad
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ
Open ayah 90:1މި މައްކާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރަށްވަމެވެ.
وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ
Open ayah 90:2(އޭ رَسُولُ الله!) ކަލޭގެ ފާނަށް އެރަށް ޙަލާލު ވެގެންވެއެވެ. (އެބަހީ الله ހުއްދަ ކޮށްދެއްވި ކުޑަވަގުތު ކޮޅެއްގައި ހަނގުރާމަކޮށް ޤަތުލުކުރުން ކަލޭގެފާނަށް ޙަލާލު ވެގެންވެއެވެ. އެއީ މައްކާ ފަތަޙަ ކުރެއްވިދުވަހު ހުއްދަވި ކުޑަވަގުތު ކޮޅެއްކަމުގައި ވާރިދުވެގެން އައިސްފައިވެއެވެ. ދެން އޭގެފަހުގައި އަލުންވެސް ކުރިން އޮތްފަދައިން حُرْمَة ތެރި ރަށެއްކަމުގައި އެރަށް ވެއްޖެއެވެ. وَالله أعلم)
وَوَالِدٖ وَمَا وَلَدَ
Open ayah 90:3އަދި އާދަމްގެ ދަރިންކުރެ ކޮންމެ ބައްޕަޔަކާއި އަދި އޭނާޔަށް ލިބުނު ދަރިން ގަންދެއްވައި ހުވައި وحي ކުރަށްވަމެވެ. މި ދެހުވައިގެ ޖަވާބަކީ،
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ
Open ayah 90:4ހަމަކަށަވަރުން އިންސާނާ ތިމަންރަސްކަލާނގެ ހެއްދެވީ އުނދަގުލާއި ބުރަ އުފުލާ މީހެއްގެ ގޮތުގައެވެ.
أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ
Open ayah 90:5އަދި އެއްވެސް މީހަކު އޭނާގެ މައްޗަށް ކުޅަދާނަ ނުވާނެކަމަށް އެއިންސާނާ ހީކުރަނީހެއްޔެވެ؟ (އެބަހީ އޭނާ ކިތަންމެ ފާފައެއް ކޮށް އުޅޭނެގޮތަކަށް އުޅުނަސް އޭނާޔަށް ޢަޒާބެއްދީ ބަދަލު ހިފޭނެމީހަކު ނެތްކަމަށް އޭނާ ހީކުރަނީހެއްޔެވެ؟)
يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا
Open ayah 90:6އަދި އޭނާ ބުނެއެވެ. (އިސްލާމްދީނާއި رسول ﷺ އާއި ޢަދާވާތް ތެރި ވުމުގައި) އަހުރެން އެތައްބައިވަރު ގިނަ ޢަދަދެއްގެ މުދާ ހޭދަކޮށް ހަލާކު ކޮށްފީމެވެ.
أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ
Open ayah 90:7އަޅެފަހެ އޭނާޔާއި އޭނާ ކުރާ ކަންތައް އެކަކުވެސް ނުދެކޭނެކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ (އެހެންނުވާނެއެވެ. ﷲ އޭނާގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.)
أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ
Open ayah 90:8ފަހެ އޭނާޔަށް ތިމަންރަސްކަލާނގެ ދެލޯ ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)
وَلِسَانٗا وَشَفَتَيۡنِ
Open ayah 90:9އަދި ދުލަކާއި ދެ ތުންފަތްވެސް ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)
وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ
Open ayah 90:10އަދި ތިމަންރަސްކަލާނގެ އޭނައަށް ދެމަގު ދެއްކެވީމެވެ. އެއީ ހެޔޮމަގާއި ނުބައި މަގެވެ. އޭނާ ބޭނުންމަގެއް އިޚްތިޔަރު ކުރާށެވެ. ދަންނައެވެ. މިތާ މި ސިފަވެގެންދާ މީހަކީ أَبُو الأَشدين ކިޔާ ކާފަރެއް ކަމުގައި ވެއެވެ. އެއީ އިސްލާމްދީނަށާއި رسول ﷺ އަށް ވަރަށް ޢަދާވަތްތެރި މީހެއްކަމުގައި ވިއެވެ. އެ ޢަދާވަތްތެރި ކަން ގަދަކުރުމަށް ގިނަ މުދާތައްވެސް އޭނާ ހޭދަކުރި ކަމުގައި ވެއެވެ. تفسير (أيسر التفاسير)
فَلَا ٱقۡتَحَمَ ٱلۡعَقَبَةَ
Open ayah 90:11ފަހެ އޭނާ عَقَبة ފަހަނައަޅައި ނުދެއެވެ. ނުވަތަ އެނާ عقبة ފަހަނައަޅައިދާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ. (އެބަހީ އޭނާގެ އެ ގިނަ މުދަލުން ހޭދަކޮށްގެން عقبة ފަހަނައަޅައި ދިޔަނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެ أبو الأَشدين އެހުރިހާ މުދާ عقبة ފަހަނައަޅައި ދިއުމަށް ބޭނުންކުރިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟)
وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ
Open ayah 90:12އަދި عقبة އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ؟
فَكُّ رَقَبَةٍ
Open ayah 90:13އެއީ އަޅުން މިނިވަންކުރުމެވެ.
أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ
Open ayah 90:14ނުވަތަ ބަނޑުހައި ހޫނުކަމުގައި ވާމީހާއަށް ކާއެތިކޮޅު ފޯރުކޮށްދިނުމެވެ. ކާން ދިނުމެވެ.
يَتِيمٗا ذَا مَقۡرَبَةٍ
Open ayah 90:15އެބަހީ ގާތްތިމާގެ ޔަތީމްއަށް (ކާއެތިކޮޅު ދިނުމެވެ.)
أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ
Open ayah 90:16ނުވަތަ ވެލީގެވެރި މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ. (އެބަހީ ފަޤީރުކަމުން ވެލިނޫން އެހެންއެއްޗެއްނެތް ނުވަތަ ބިންމަތީ އޮށޯވެ އޮތުމުގެ ސަބަބުން ވެލި ހޭކިފައިވާ ގެއެއްދޮރެއް ކާއެތިކޮޅެއް ފޭރާމެއް ނެތް މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ.) (عَقبة އަކީ މިކަންކަމެވެ.)
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ
Open ayah 90:17އަދި އެފަދަ ހެޔޮކަންތައްކުރާމީހާ އީމާންވެގެންވާ މީހުންގެތެރެއިން ވުމާއެކު ކެއްތެރި ވުމުގެ މައްޗަށް އެކަކު އަނެކަކަށް ވަޞިތްޔަ ކޮށް ހެދި މީހަކު ކަމުގައި ވެއެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ރަޙްމަތް ބެހެއްޓުމަށްވެސް ވަޞިތްޔަތް ކުރާމީހަކު ކަމުގައި އޭނާވެއެވެ.
أُوْلَٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ
Open ayah 90:18އެފަދަ އެފަދަ މީހުން ދަންނައެވެ. އެމީހުންނަކީ ކަނާތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ކަނާތައްލިބޭނެ ރަނގަޅު މީހުންނެވެ.
وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ
Open ayah 90:19އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުންނަކީ ވައަތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ވައަތްފަރާތުން ލިބޭނެ މީހުންވެ.
عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ
Open ayah 90:20އެމީހުންނަށް ހުންނަހުށީ ބަންދުވެ ތަޅުލެވިގެންވާ ޢަޒާބެވެ. (އެފަދަ ކޮންމެ މީހަކު ޖަހަންނަމައިގެ ވަކިތާކަށްލެވި ވަކިން ބަންދު ކުރެވޭނެކަމުގައި ރިވާވެގެން ވެއެވެ.)